ކުއްތާ ބޭނުންކޮށްގެން މާފުށީ ޖަލު ބަލައި ފާސްކުރާނެ: އުމަރު

ޖަލުތެރެއަށް މަސްތުވާތަކެތި ވެއްދުން ހުއްޓުވުމުގެ ގޮތުން ކުއްތާ ބޭނުންކޮށްގެން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލު ވަށައިގެން 20 ފޫޓު އުސް ފާރެއްލުމުގެ މަޝްރޫއު އިފްތިތާހުކޮށްދިނުމަށް މިއަދު ޖަލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، މަސްތުވާތަކެތި ޖަލުތެރެއަށް ވެއްދުން ހުއްޓުވުމަށްޓަކައި ދޭތެރެ ދޭތެރެއިން ފުލުހުންގެ ހާއްސަ ޓީމުތައް ކުއްތާ ބޭނުންކޮށްގެން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ކުރިއަށްގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު ޖަލަށް ފޯނުވެއްދުން ހުއްޓުވުމަށް މޯބައިލް ފޯނު ވައްދައިފިއްޔާ އެނގޭނެ ހާއްސަ ނިޒާމެއް ގާއިމު ކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ޖަލުގައި މިހާރު ތިބި 800 އެއްހާ ގައިދީންނާ އަޅައިބަލާއިރު، ޖަލު ބަލަހައްޓާ މުވައްޒަފުންގެ އަދަދު މަދުކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، މިޒަމާނުގެ ފިލޯސަފީއަކީ މުވައްޒަފުން އިތުރުން ކުރުން ނޫން ކަމަށާއި އެހެން ނަމަވެސް މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ޖަލުގެ ސެކިއުރިޓީ ވަރުގަދަ ކުރުން ކަމަށެވެ. އެގޮތުން ސެކިއުރިޓީން ބެހެއްޓުމުގެ ބަދަލުގައި ކެމެރާ ހަރުކޮށްގެން ތަންތަން ބެލޭނެ ނިޒާމު ހަމަޖެއްސުމާއި ޖަލުގެ ދޮރުތައް އޮޓޮމެޓިކުން ތަޅުލެވޭނެ ގޮތްތަކާއި ލައިޓް ހަރުކޮށްގެންނާއި ފާރު ރާނައިގެން ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

އެފަދަ ކަންކަމުގެ ސަބަބުން ޖަލުގައި ތިބޭ ބައެއް ކުށްވެރީން އެހެން ކުށްވެރީންގެ މައްޗަށް ގަދަވެގަނެ އެމީހުން ލައްވައި ކަންކަން ކުރުވައި އެމީހުންގެ އަޅުންގެ ގޮތުގައި ޖަލުގައި ތިބޭ ބައެއް ކުށްވެރިން ބޭނުން ކުރުމުގެ މަގު އެއްކޮށް ބަންދު ވެގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ޖަލަށް ވައްދާ ކުށްވެރިންނަކީ ރީހެބިލިޓޭޓްވެ ޖަލުން ނުކުމެގެންދާއިރު އިސްލާހުވެ، އަދި ޖަލުގައި އުޅޭއިރު ކުރާ މަސައްކަތުން ޖީބައެއްޗެއް އިތުރުވެގެން ނުކުމެގެންދާނެ ބަޔަކަށް ގައިދީން ހެދުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

" ފަސް އަހަރަށް އައިބައެއް އަޅުގަނޑުމެންނަކީ. ފަސް އަހަރުކޮށްފައި އަޅުގަނޑުމެން ދާއިރުގައި މިޖަލު ވާންޖެހޭނީ އެކަށީގެންވާ ގޮތުން ރައްކާތެރިކުރެވިފައިވާ އަދި ޖަލަށް ވަންނަ މީހުންނަށް ހިދުމަތް ވެސް ދެވޭ ރިހެބިލިޓޭޝަން ވެސް ދެވޭ އަދި އެމީހުންގެ އާއިލާއަށް މިތާ މަސައްކަތް ކޮށްގެން ފައިސާ ދެވޭ ތަނަކަށް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު