މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށަށް އިއުތިރާފުވެ، ފަރުވާ ޕޮރްގުރާމްގައި ބައިވެރިވުމުން މަސްތުވާތަކެތި ބޭނުން ކުރުމުން އެ މީހަކަށް ލިބެންޖެހޭ އަދަބުން ސަލާމަތް ވެވޭ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް އެ ފަދަ މީސްމީހުންނަށް ޖިނާއީ އަދަބު ދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
"ސަން"އަށް ބުރާސްފަތި ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، ފަރުވާ ޕްރޮގްރާމް ފުރިހަމަ ކޮށްފި ނަމަ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް ކަނޑައެޅިފައިވާ ހުކުމުން ސަލާމާތް ވެވޭނެ ކަމަށް އޮންނަ އޮތުން ބަދަލު ކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނުނަށް އިސްލާހު ގެންނަން އެމަނިކުފާނު އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މަސްތުވާތަކެތި ގާނޫނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ސިފަ ކޮށްފައި ވަނީ ބަލި މީހުންގެ ގޮތުގައި ކަމަށެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެކުރަނީ ޖިނާއީ ކުށެއް ކަމަށް ނުދެކި މަސްތުވާތަކެތިން މީހުން ސަލާމަތް ކުރެވުނު ގައުމެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.
" އަޅުގަނޑުވާނީ ޕްރޮޕޯސްކޮށްފައި ވަނީ މިހާރު [ޑްރަގް ގާނޫނަށް ބަދަލުތަކެއް ގެނަން]. ހޯމް މިނިސްޓްރީ އިން ވަނީ ފޮނުވާފައި ގެންނަން ބޭނުންވާ އިސްލާހުތައް. މިހާރު ޑްރަގް ގާނޫނު [ ދެކެނީ] މަސްތުވާތަކެތި ބޭނުން ކުރާ މީހާއަކީ ބަލި މީހެކޭ. އެއީ ރިކޮގްނައިޒްޑް [ ގަބޫލު ކުރާ ގޮތަކަކީ]އެ ރިކޮގްނިޝަން ހަދައިގެން ކާމިޔާބު ކުރެވުނު ގައުމެއް ނެތް. ކާމިޔާބު ކުރި ގައުމުތަކުން ކޮށްފައި ހުރީ ކްރިމިނިލައިޒް ކޮށްގެން އޭތި. ޑިކްރިމިނަލައިޒް ކޮށްގެނެއް ނޫން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުން ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ދެކިގެން ނޫނީ މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ނުވޭނެ ކަމަށާއި ފަރުވާ ދޭން ޖެހޭނީ އެމީހާއަށް ލިބެން ޖެހޭ އަދަބު ތެރެއިން ކަމަށް އުމަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހުނަށް ފަރުވާދިނުމަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކ. ހިންމަފުށި އައްސޭރި ޖަލުގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރު ހިނގަން ވާނީ ޖަލު ބައެއްގެ ގޮތުގައި ކަމަށް ކަނޑައަޅަން ވެސް ހޯމް މިނިސްޓްރީން އެދިފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މިހާރު ހިންމަފުށީގައި ގާއިމުކޮށްފައިވާ ރިހިބިލިޓޭޝަން ސެންޓަރު ހިނގަމުން ދަނީ ޑްރަގް އެޖެންސީގެ ދަށުންނެވެ.
" މިސާލަކަށް، ކުއްޖަކު ގެންދަނީ ރިހެބަށް މިހާރު މި އޮންނަ [މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު] ގަނޫނުގެ ދަށުން. ގެންދިޔައީމާ އެ ކުއްޖާ މި ބުނަނީ ހެނދުނު ހޭލާނީ ދިހައެއް ޖަހާއިރު އޭ. ދެން އޭނާ ގަދަކަމުން ހޭލެއްވޭނެ ގޮތެއް ނޯވޭ. އެކަމަކު ޖަލު ސިސްޓަމުގެ ތެރެއަށް ވަނީމާ ޖަލުން އަންގާނެ ކަލޭ ހޭލަން ޖެހޭނީ ހެނދުނު ހޭލަން ޖެހޭނީ ހެނދުނު ހަތެއް ޖާއިރު އޭ. އޭނާ ނެހޭލައިފިއްޔާ ނަގާނެ. އެއީ ތަފާތަކީ، " އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޑްރަގް ގާނޫނަށް ގެންނަނީ ބޮޑެތި ބަދަލުތަކެއް ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން މަސްތުވާ ތަކެތި ބޭނުންކުރި ކަމަށް އިއުތިރާފު ވެގެން ހުކުމް ކުރާ މީހުން ފަރުވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން މަސްތުވާތަކެތި ބޭނުން ކުރުމުން އޭނާގެ މައްޗަށް އިއްވާ ހުކުމް އޭނާގެ މައްޗަށް ތަންފީޒް ކުރާކަށް ނުޖެހެ އެވެ. މަސްތުވާތަކެތި ބޭނުންކުރިކަން ސާބިތުވެފައިވާ ގިނަ ބަޔަކު މިހާރު ވެސް ވަނީ ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމުން ދޫކޮށްލައިފަ އެވެ. އަދި އެހެންމެ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ދުރުކުރުމުގެ ނަމުގައި މަދު މިންވަރުގެ އެތި ކޮޅު ކޮޅުން ދީގެން ދުރުކުރުމަށް ފަރުވާ ޕްރޮގުރާމް ހިންގަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެކަމުގައި ދެމިހުރުމަށް ހިތްވަރު ލިބޭ ކަމަށާއި އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބޭނުންކޮށްގެން ގޭންގް ގްރޫޕްތަކަށް ޖިނާއީ ކުށްތައް ހިންގުމަށް ވެސް ފުރުސަތު ލިބޭ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.