ރޯމާ ކޮޅަށް ބަޔާން އިން ހަތް ގޯލް ޖެހި އިރު ސިޓީ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ރޯމާ ކޮޅަށް ޖަރުމަނުގެ ބަޔާން މިއުނިކް އިން ހަތް ގޯލް ޖަހައިފި އެވެ.

އިޓަލީގެ ސްޓާޑިއޯ ޑެލާ ރޯމްގައި ކުޅުނު މެޗުން ބަޔާން މިއުނިކް އިން ކުރިހޯދީ 7-1 ންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރިހޯދީ ވެސް ބަޔާން އިންނެވެ. ފުރަތަމަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ އަށްވަނަ މިނުޓުގައި ހޮލަންޑްގެ ހުނަރުވެރި ކުޅުންތެރިޔާ އަރްޔެން ރޮބެން ވަނީ ގޯލެއް ޖަހައި ބަޔާން އަށް ކުރި ހޯދައި ދީފަ އެވެ. އަދި 30 ވަނަ މިނުޓުގައި އޭނާގެ ދެވަނަ ގޯލް ފެނިގެން ދިޔައި އިރު އެއަށް ވުރެ ކުރިން 23 އަދި 25 ވަނަ މިނުޓުގައި މާރިއޯ ގޮޓްޒޭ އަދި ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ސްކޯ ޝީޓުން ޖާގަ ހޯދާފަ އެވެ.

މެޗުގައި ބަޔާން އިން ޖެހި ފަސްވަނަ ގޯލް މެޗުގެ 36 ވަނަ މިނުޓުގައި ތޯމަސް މުލާ ކާމިޔާބުކޮށްދިން އިރު 78 ވަނަ މިނުޓުގައި ރިބެރީ ވަނީ ބަޔާން އަށް ގޯލް ޖަހައި ދީފަ އެވެ. އޭގެ ކުރިން 66 ވަނަ މިނުޓުގައި ރޯމާގެ ފޯވަޑް ޖާވިނިއޯ ވަނީ އެޓީމަށް ސުން ކަނޑުވައިދީފަ އެވެ. ބަޔާންގެ ހަތް ވަނަ ގޯލް މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޒެޑާން ޝަގީރީ އެވެ.

މި މެޗަށް ވުރެ ކުރިން ކުޅުނު އަށް މެޗުގައި ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ ކޮޅަށް ގޯލެއް ވަދެފައި ނުވާއިރު ނޯޔާ ވަނީ ދެވަނަ ހާފުގައި ރޯމާގެ ފޯވަޑް އެލްގްޒާންޑްރޯ ފްލޮރެންޒީގެ ފަރާތުން އައި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފަ އެވެ.

މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކާ އާ މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ސާޖިއޯ އަގުއެރޯ އާއި މިލްނާގެ ގޯލުން ސިޓީ އިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ސީއެސްކޭ މޮސްކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޯމްބިއާ އަދި ނަޗޯގެ ގޯލްތަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު ބަޔާން ހަމަޖެހިލި އިރު ބަޔާން އާ ވާދަކޮށް ބަލިވި ރޯމާ އޮތީ ހަތަރު ޕޮއިންޓާއެކު ދެވަނައިގަ އެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ސީއެސްކޭއޭ މޮސްކޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު