ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ އިބްރާހީމް ޝަހުމް އާއި ފަރިޔާޝް އަހުމަދު ފިލާފައިވާ މައްސަލަ މިނިވަން ކޮމިޝަނަކުން ތަހްގީގުކޮށް ބަލަން ޖެހޭނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު، އަދި މިހާރު ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ނުރައްކާތެރި ދެ ގައިދީއަކު ފިލާފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރު، އިމްތިތޔާޒް ފަހުމީ ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަގައި ބަހުސްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވަނީ ދެ ގައިދީއަކު ފިލާފައިވާ މައްސަލަ ތަހްގީގު ކުރުމަށް މިނިވަން ކޮމިޝަނެއް އުފައްދަން ސަރުކާރަށް ގޮވާލާފަ އެވެ.
"މިކަން [ދެ ގައިދީއަކު ފިލުން] ހިނގާދިޔަ ގޮތް އިންޑިޕެންޑެން ކޮމިޝަނަކުން [ މިނިވަން ކޮމިޝަނަން] ބަލަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އަދި އެކަމަށް ސަރުކާރަށް ގޮވާލަން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ދެ ގައިދީއަކު ފިލާފައި ވަނީ ޖަލުތައް ބަލަހައްޓަން ހަވާލުކޮށްފައިވާ ފަރާތްތަކަށް މައްސޫލިއްޔަތު އަދާ ނުކުރެވުމުން ކަމަށާއި އެހެން އިހްމާލްވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަގާމުތަކަށް މީހުން އައްޔަން ކުރެވެން ވާނީ ގާބިލް މީހުންނާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.
"ޖަލުގެ ކަންތައް ހަވާލުވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވީސް. އަޅުގަނޑުމެން ބަލަން އެބަޖެހޭ އެ މުވައްސަސާތައް މިނިވަންކަމާ އެކު ހިންގުމަށް. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރު ދުވަސް ތެރޭގައި އެތަނުގެ އިސް މަގާމު ވެސް ތިން ފަހަރަކަށް ވަނީ ބަދަލުކޮށްފައި. އަޅުގަނޑުމެން ސިޔާސީ ގޮތުން މަގާމުތަކަށް މީހުން ހަމަޖައްސަން ޖެހޭނީ އެ މައްސޫލިއްޔަތުތައް އުފުލޭނެ، ގާނޫނުގައި ބަޔާންކޮށްފައި ކަންތައްތައް ފުރިހަމަ އަށް އަދާކުރެވޭނެ މީހުންނާ، " ރިޔާޒް ވިދާޅުވި އެވެ.