ކ. މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ އިބްރާހީމް ޝަހުމް އާއި ފަރިޔާޝް އަހުމަދު ޖަލުން ފިލާފައިވާ މައްސަލަ ކުށްވެރިކޮށް ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ ހިތްތަކުގައި އޮތް ބިރުވެރިކަން ފިލުވާދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައި ގަތީ އެ ވަގުތު ހޯލުގައި ތިއްބެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
އިންތި ހުށެޅުއްވި ބަޔާނުގައި ހައި ސެކިއުރިޓީ ޖަލެއް ފަޅާލައި ނިކުތުމުގެ ފުރުސަތު ލިބިފައި ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ޒިންމާދާރުކަން ކުޑަ ކަމުންނާއި އިހްމާލުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ބޮޑެތި ކުށްވެރިން ދޫކުރެވިފައި ވާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
"ނުރައްކާތެރި ދެ ކުށްވެރިން ހޯދުމުގެ މަސައްކަތް ފުލުހުން ނުދާނެހެން ސަރުކާރުން އެންމެ މަތީ ދަރައިޖަގައި އެންމެ މަތީ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމު ކަމެއްދީ ނުރައްކާތެރި ކުށްވެރިން ފިލުން ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމާއި ރާއްޖޭގައި މިހާރު އޮތް ނުރައްތެރިކަމާއި ނާމާންކަން ފިލުވުވާލުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ގަވައިދުގެ 145 ވަނަ މާއްދާގެ ދަށުން މި މައްސަލަ މަޖިލީހަށް ހުށަހަޅަން،" ކުއްލި މައްސަލަގައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު ނިހާނު ހުސައިން މަނިކު ވިދާޅުވީ ޖަލުން ދެ މީހަކު ފިލި މައްސަލަ ޕީޕީއެމް ސަރުކާރުން ބަލާނެ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެެމްޑީޕީ މެންބަރުން ޕީޕީއެމްގެ ބޮލުގައި ޖަލުން މީހުން ފިލުވި ކަމަށް ބުނެ ވާހަކަ ދައްކާ އިރު އެމްޑީޕީ ސަރުކާރު އޮތް އިރު ވެސް އެެކަންކަން އޮތީ އެގޮތަށް ކަމަށެވެ. އެހެން ކަމާ އެކު އެންމެން ގުޅިގެން މިއީ ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.