ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަމިއްޔާ، އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ރައީސް ކަމަށް ބަންގުލަދޭޝް ޕާލަމެންގައި ހިމެނިވަޑައިގަންނަވާ، ސާބިރު ހުސައިން ޗައުދްރީ އިންތިހާބުކޮށްފި އެވެ.
އައިޕީޔޫގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ރާއްޖެއާ އެކު ހަތަރު ގައުމަކުން ކުރިމަތިލި އެވެ. ރާއްޖޭގެ ޕާލަމެންޓުން ކުރިމަތިލެއްވީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 57 ވޯޓެވެ.
އެ އިންތިހާބުގައި ސާބިރުއަށް 108 ވޯޓު ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި އެވެ. އަދި އެ އިންތިހާބުގައި އޮސްޓްރޭލިޔާގެ ޕާލަމެންޓުން ކުރިމަތި ލެއްވި މެމްބަރަށް 99 ވޯޓު ލިބިވަޑައިގެންނެވި އިރު އިންޑިނޯޝިޔާގެ ޕާލަމެންޓުން ކުރިމަތިލެއްވި ކެންޑިޑަށް ލިބިވަޑައިގެންނެވީ 76 ވޯޓެވެ.
ސާބިރު އިންތިހާބު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގެ ނަތީޖާ އިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ތިން މެމްބަރުންނާ އެކު ދެ ވަނަ ބުރެއްގައި ވޯޓުލައިގެންނެވެ. އައިޕީޔޫގެ ގަވައިދު ބުނާ ގޮތުން ރައީސް ކަމަށް ވަޑައިގެންނެވީ ވަކި އަދަދަކަށް ވޯޓު ލިބިވަޑައިގަނެގެންނެވެ.
މި މަހު ޖެނީވާގައި ބޭއްވި އައިޕީޔޫގެ ބައްދަލުވުގައި ރާއްޖެ އިން ދިޔަ ގޮފީގެ ގޮފީގެ މުގައްރިރުކަން ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެެވެ.
ތިން އަހަރު ދައުރެއްގެ ގޮތުގައި އޮންނަ އައިޕީޔޫގެ ރައީސްކަމުގެ ދައުރަށް ރާއްޖެ އިން ކުރިމަތިލި މިއީ ފުރަތަމަ ފަހަރެވެ. އައޕީޔޫގައި އެ ޖަމްޢިއްޔާގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވެފައި ވަނީ ނޮވެމްބަރު 4، 2004ގައި މަޖިލީހުން ފާސްކުރެއްވި ޤަރާރަކުންނެވެ.