ކުދިކުދި އާދަތަކެއް ބަދަލުކޮށްލުމުން ކަރަންޓް ބިލު ކުޑަކުރެވޭނެ: މިނިސްޓަރު

ކުދިކުދި އާދަކާދަތަކެއް ބަދަލުކޮށްލައިފި ނަމަ ކަރަންޓް ބިލު ކުޑަކުރެވިދާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ހަކަތައިގެ ދުވަސް ފާހަގަ ކުރުމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވުމަށާއި ހަކަތަ އިގުތިސާދުކުރުމަށް ހޭލުންތެރިކުރުވުމަށް ހިންގާ ކެމްޕޭނެއް ފެށުމަށް އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ކެމްޕޭންގެ ބޭނުމަކީ ހަކަތަ އިގުތިސާދު ކުރެވޭނެ ރަނގަޅު ގޮތްތައް ކިޔައިދިނުން ކަމަށެވެ.

"...ގިނަ ފަހަރަށް އަޅުގަނޑުމެންގެ އާދަކާދަތައް ހުންނަ ގޮތުން ނުކުމެގެން ދާއިރު އެއާކޯން ނިވާ ނުލެވި، ޖައްސާފައި ހުންނަ ބައްތިތަކާއި އަދި ކޮމްޕިއުޓަރުތަކާ އެއްޗެހި ވެސް ނިވައި ނުލެވި މިދަނީ. މިކަހަލަ ކުދިކުދި އާދަކާދަތައް އަޅުގަނޑުމެން ރަނގަޅުކޮށްލައިފި ނަމަ އަޅުގަނޑުމެންނަށް އެބަ ސޭވް ކުރެވޭ ވަރަށް ބޮޑު އަދަދެއް ކޮންމެ މަހެއްގެ ކަރަންޓް ބިލުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލްމަތީނު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ހަކަތައިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރު ހަފުތާއަކަށް ދެމިގެންދާ ހަރަކާތަކާއި އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ ހަރަކާތެއް ހިމެނޭ ކަމަށެވެ. އެގޮތުން "އިޓްސް ކޫލް އެޓް 25"ގެ ނަމުގައި މިއަދު ފެށި ހަކަތައިން އިގުތިސާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ކެމްޕޭން އެއް އަހަރު ދުވަހަށް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޓްސް ކޫލް އެޓް 25 ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އެމްޑަބްލިއުއެސްސީއާއި ފެނަކަ ކޯޕަރޭޝަނާއި އެންސްޕާ އާ ގުޅިގެންނެވެ.

މިއަހަރުގެ ދުނިޔޭގެ ހަކަތައިގެ ދުވަސް ފާހަގަކުރާނީ ދ. ކުޑަހުވަދޫގަ އެވެ. ދުނިޔޭގެ ހަކަތައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު