ރ. ދުވާފަރަށް އިއްޔެ ހަވީރު އެރި ނަގޫރޯޅިއެއްގެ ސަބަބުން ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
ދުވާފަރު ކައުންސިލް މެމްބަރު އިބްރާހިމް އަލީ "ސަން"އަށް މިއަދު ވިދާޅުވީ، އިއްޔެ އިރުއޮއްސުމާ ކައިރިވެފައި ވަނިކޮން އެރި ނަގޫރޯޅީގައި ބަނދަރުގައި އޮތް ދޯންޏެއްގެ ވާ ކަނޑައިގެން ގޮސް ދޯންޏަށް ގެއްލުންތަކެއްވި ކަމަށެވެ.
"މި ބަނދަރުގައި އޮތް ފާނަ ގަންނަ ދޯންޏެއްގެވާ ކަނޑައިގެން ގޮސް އެ ދޯންޏަށް ވަނީ ގެއްލުންތަކެއްވެފައި. އެއީ 90 ފޫޓުގެ ބޮޑު ދޯންޏެއް. އެދޯނީގައި އެ ވަގުތު ހުރި ފާނަތައް ވެސް ވަނީ މޫދަށް ދޫވެފައި،" އިބްރާހިމް އަލީ ވިދާޅުވި އެވެ.
އޭގެ އިތުރުން ނަގޫރޯޅި އެރިވަގުތު ބަނދަރުމަތީގައި ހުރި ޒުވާނަކު މޫދަށް ވެއްޓުނު ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ ޒުވާނާ ސަލާމަތްކޮށްފައި ވަނީ އެތަނުގައި ހުރި ފުލުހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަގޫރޯޅީގެ އަސަރު ރަށުތެރެއަށް ކޮށްފައިނުވި ނަމަވެސް ބަނދަރުމަތީގައި ހުރި ބައެއް އެއްޗެހި ރަށު ތެރެއަށް ވަޔާ ގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރުމަތީ ހުއްޓައި މޫދަށް ވެއްޓިފައި ވަނީ އެރަށުގެ 26 އަހަރުގެ މީހެކެވެ. އޭނާ ސަލާމަތް ކުރީ އެ ވަގުތު އެރަށް ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހެއް ކަމަށް ފުލުހުންގެ މީޑިޔާ އިން ވަނީ ބުނެފަ އެވެ.