ރައީސް ނަޝީދު ވިދާޅުވަނީ:
"ޑިމޮކްރަސީ ތަންފީޒު ކުރުމުގައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމުގެ ފިކުރު ތަސްމީނު ގެންގުޅުއްވާ" ކަމަށް!

ޑިމޮކްރަސީ ތަންފީޒު ކުރުމުގައި ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ފިކުރު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އިން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ އަބްދުﷲ ޝަފީގުގެ "ގަލޮޅު ދެކުނު ޖަގަހަ" ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ސިޓީ ކައުންސިލު ވެސް އިންތިހާބުކޮށް، ރައްޔިތުންގެ މަޖިލިސް ވެސް މިނިވަންކޮށް، މިނިވަން ވަކި ޝަޚުސެއް ގޮތުގައި އެތަން ހިންގުމަށް ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ސަރުކާރުން ކިތަންމެ ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް، "ބާރު ގަދަވާ" ފަރާތްތަކުން ސަރުކާރުން ބޭނުންވާ ގަވާއިދުގެ ތެރޭގައި "ކުޅެން" ބޭނުން ނުވާ ކަމުގައި ރައީސް ވިދާޅުވި އެވެ. "ދެ ބައި މީހުންގެ ދެ ގަވާއިދެއް އޮވެގެން ކުޅެން އުޅެންޏާ، މެޗް ކުރިއަށް ގެންދަން އުނދަގޫވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރުމަށް އިދިކޮޅު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން ނުވި ނަމަވެސް، ސަރުކާރާ އެކީ މަސައްކަތް ކުރުމުގެ ފިކުރެއް ތަސްމީންގެ ކިބައިގައި ހުންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އަބަދުވެސް ފެނޭ ތަސްމީނުގެ ފިކުރެއް ހުންނަ ކަން، ޑިމޮކްރަސީއެއް ތަންފީޒު ކުރުމުގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެވިދާނެ ކަމަށް" ރައީސް ވިދާޅުވި އެވެ. "އެކަން ކުރައްވަން އުޅުއްވިޔަސް އެހެން ބޭފުޅުން އެބަ ތިއްބަވާ މާދަމާ ތިންމަންނާ އަށް ވެރިކަން ބޭނުންވެގެން އެކަމަށް އަލުން އަނބުރާ އައުމަށްޓަކައި އެ އުއްމީދުގައި ތަސްމީނު ވެސް ގުރުބާން ކުރަން."

ފުރިހަމަ ޑިމޮކްރަސީއެއްގެ ތެރެއިން ވާދަވެރި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ޑީއާރުޕީގެ ތެރެއިން ހިތްވަރާއެކު މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު ދަންނަވަމުން އެ ޕާޓީގެ ލީޑަރު ތަސްމީނަށް ރައީސް ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.

ރައީސް ނަޝީދު ތަސްމީނަށް ކުރެއްވި ތައުރީފާ ގުޅިގެން ޑީއާރުޕީން ބުނީ އެކަމުގައި މާދަމާގެ ވަގުތެއްގައި ތަސްމީން ރަދެއް ދެއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު