ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އައިޓީ ކޯހެއް ހިންގުމަށް ހެލްތް މިނިސްޓްރީން ފޯކަސް އެޑިއުކޭޝަން ސެންޓަރާއި ހަވާލުކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި އެ ކޯސް ހިންގުމަށް ފޯކަސް އެޑިއުކޭޝަން ސެންޓަރާއި ހަވާލުކުރުމާއި ބެހޭ އެއްބަސްވުމުގައި އެ ސެންޓަރުގެ ފަރާތުން ސޮއި ކުރެއްވީ ސޭލްސް މެނޭޖަރު އައިޝަތު ނިޝާ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އެ ރަސްމިޔާތުގައި ނާޒިމް ވިދާޅުވީ ހެލްތް ފެސިލިޓީތަކުގެ އައިޓީ މަސައްކަތްކުރާ މީހުނަށް ހިންގާ އެ ކޯހަށް ފަންޑު ކޮށްފައިވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ކަމަށެވެ.
އެ ކޯސް ހިންގުމަށް ފޯކަސް އެޑިއުކޭޝަން ސެންޓަރާއި މިއަދު ހަވާލުކޮށްފައި ވަނީ 65،000 ރުފިޔާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކޯހުގައި 10 އަތޮޅަކުން މީހުން ބައިވެރި ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރޭނިން ކޯސް ހިންގުމަށް ހަމަ ޖެހިފައިވަނީ 85 ދުވަހުގެ ނިޔަލަށެވެ.