އިނގިރޭސި މިލިނަރަކު މީގެ ހަތަރު އަހަރު ކުރީން ކޭޕް ޓައުންނަށް ހަނީމޫނަށް ގޮސް އޭނާގެ އަނބިމީހާ މަރާލަން ބައިވެރިވި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ޝަރީއަތް ކޭޕް ޓައުންގައި މިއަދު ފަށައިފި އެވެ.
ސައުތު އެފްރިކާގެ ނޫސްތަކުން މިއަދު ބުނީ ވިޔަފާރިވެރިޔާ ޝަރިން ދަވާނީ،34، ގެ މައްޗަށް އެ ޝަރީއަތް މިއަދު ކޭޕް ޓައުންގައި ފައްޓާފައި ވަނީ އޭނާ މިހާރު ޝަރީއަތާ ކުރިމަތި ލުމަށް "މެންޓަލީ ފިޓް" ކަމަށް ވުމުން ކަމަށެވެ.
ދަވާނީގެ މައްޗަށް ޝަރީއަތް ހިންގަނީ ސުވިޑިޝް އަށް އުފަން އޭނާގެ އަންހެނުން އަނީ، 28، ނޮވެމްބަރު 10، 2010ގައި ކޭޕްޓައުންގައި މަރާލުމަށް ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އޭނާ ދައުވާ އަށް އިންކާރު ކުރެ އެވެ. އަދި ބުނަނީ އޭނާ އާއި އޭނާގެ އަންހެނުން ގުގުލުތު، ކޭޕް ޓައުންގައި ޓެކްސީއެއްގައި ދަނިކޮށް "ގަންޕޮއިންޓުގައި" ހައިޖެކް ކުރީ ކަމަށެވެ. ދަވާނީ ވަނީ އަނިޔާއެއް ނުވެ ސަލާމަތްވެފަ އެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން އޭނާގެ އަަންހެނުންގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ އެއްލާލާފައި އޮތް ކާރެއްގެ ތެރެއިންނެވެ.
އަނީ މަރާލި ކަމުގެ ކުށް ސައުތު އެފްރިކާގެ ތިން މީހެއްގެ މައްޗަށް ސާބިތުވެ 18 އަހަރާއި އުމުރު ދުވަހުގެ ޖަލު ހުކުމް ދަނީ ތަންފީޒު ކުރަމުންނެވެ.
އަނީ މަރާލުމަށް އިތުރު މީހަކު ހޯދުމަށް މަސައްކަތް ކުރި ކަމުގެ ކުށް ސާބިތުވެ ޓެކްސީ ޑްރައިވަރަކާއި އަދި އަނެއް މީހާ ދަނީ 18 އަހަރާއި 25 އަހަރުގެ ހުކުމް ތަންފީޒު ކުރަމުންނެވެ. އަދި އަނީގެ ކަރަށް ބަޑިޖަހައި އަމަލީ ގޮތުން މަރާލި ކަމުގެ ކުށް ސާބިތުވީ މީހާ ވެސް ދަނީ އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.
ޓެކްސީ ޑްރައިވަރު ތަހުގީގުގައި ބުނެފައި ވަނީ އަނީ މަރާލުމަށް ދަވާނީ 1،300 ޑޮލަރު ހުށަހެޅި ކަމަށެވެ.
ދަވާނީ އާއި އަނީ އާ ދެ މީހުން ކައިވެނި ކުރީ ލޯބިން ނޫން ކަމަށާއި އެ ދެ މީހުންގެ ކައިވެންޏަކީ އާއިލާ އިން ކުރުވި ކައިވެންޏެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އެ ދެ މީހުން އެންދާން ނުކުރާ ކަމަށާއި ދަވާނީ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ދަވާނީ ޝަރީއަތާ ކުރިމަތި ނުލައި ހުރީ ނަފުސާނީ ގޮތުން ފިޓް ނޫން ކަމަށް ބުނެ އެވެ. އެ ދެ އާއިލާ ވެސް ނިސްބަތް ވަނީ އިންޑިއާ އަށެވެ.
މައުލޫމާތު: ނޫސްތައް