ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ މީހުންނަށް އެމްޑީޕީން ހިތްވަރު ދޭ: އުމަރު

ވަކިން ޖަމާއަތް ހަދައިގެން މާލޭގައި ހުކުރު ނަމާދު ކުރާ މީހުންނަށް އެމްޑީޕީ އިން ހިތްވަރުދޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ މައްސަލައާ ގުޅިގެން އެ މިސްކިތުގެ "އިމާމު" ހައްޔަރުކޮށްފައި ވަނިކޮށް، މިދިޔަ ހުކުރު ދުވަހު ވަނީ ސަރުކާރާ އިދިކޮޅު ބަޔަކު އިސްވެ ތިބެ ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ މީހުންނަށް ހިތްވަރު ދީގެން އެ މިސްކިތުގައި ހުކުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހަރުކަށި ހިޔާލުގެ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅާ އިރު، އެމްޑީޕީން އެމީހުންގެ މެސެޖު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެމްޑީޕީ އިން މިހާރު ތިބީ ހަރުކަށި ހިޔާލުގެ މީހުންނާއެކުތޯ ނުވަތަ އަހަރުމެންނާއެކުތޯ ކަނޑައަޅަން ޖެހޭ ކަމަށް ވެސް އެމަނިކުފާނުގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ދަރުމަވަންތަ މިސްކިތަކީ މާލޭގައި ހުކުރު ކުރުމަށް ކަނޑައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް ނޫނެވެ. އަދި އެ މިސްކިތުގައި އިމާމުންގެ ގޮތުގައި ހެދިގެން ޚުޠުބާ ކިޔައި ފަތުވާދެމުން ދަނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގާފައިވާ ބައެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު