ތައުލީމީ ދާއިރާގެ ބައެއް މައްސަލަތައް ފާހަގަކޮށް އެ ކަންތައްތަކާ މެދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ އެޑިއުކޭޝަން ކޮމެޓީގެ ފަރާތުން މިއަދު ހެނދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގެ ޗެއާ އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމް ހާސިލްކުރާ ކުދީންގެ ތެރެއިން ގްރޭޑް އަށެއްގައި ތައުލީމް ހާސީލްކުރާ ބައެއް ކުދިން އެޑިއުކޭޝަން މިނިސްޓްރީން ބާކީ ކުރަމުންދާ ކަމަށެވެ. އަދި އެކަމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތު ތަކާއި ތައުލީމީ މަންހަޖަށް ގެންނަން އުޅޭ ބަދަލު ތަކާއި އަދި ސާނަވީ ތައުލީމު ފަށާ ބައެއް ކުދިން ބާކީ ކުރަމުންދާ ދިއުމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެތައް ފަހަރެއްގެ މަތިން އެ ޕާޓީން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އެއް ވެސް މައުލޫމާތެއް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލިބިފައިނުވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ތައުލީމީ ދާއިރާއިން ބޭނުންވާ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ މައުލޫމާތު އަދި ސްކޫލްތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ހުރަސް އަޅަމުންދާކަން. އަޅުގަނޑުމެން އެކަން ކުށްވެރިކުރަން އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންނަކީވެސް ތައުލީ ދާއިރާގެ ހިއްސާދާރުންގެ ގޮތުގައި ދެކެން. ދެން އަޅުގަނޑުމެން ކަންބޮޑުވާ އަނެއްކަމަކީ ތައްޔާރުނުވެ މަންހަޖް ތަންފީޒް ކުރަން ފެށުން. އަދި ތައްޔާރެއް ނުވޭ މަންހަޖު ތަންފީޒު ކުރާކަށް. ދެން އަޅުގަނޑުމެން ކަންބޮޑުވާ އަނެއް ކަމަކީ ގްރޭޑް އަށަކުން ނުވަތަ ސާނަވީ ތައުލީމު ފަށާ ހިސާބުން ބައެއް ކުދިން ބާކީ ކުރާ މައްސަލަ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، ރާއްޖޭގެ ތައުލީމީ މަންހަޖުގެ ސްޓޭޖް އެކެއް ނުވަތަ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ތިނެއްގެ ތައުލީމީ މަންހަޖު ބަދަލުކޮށް އާ މަންހަޖަކަށް ކިޔަވައި ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވީނަމަވެސް އެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތައް އަދި ބެލެނިވެރިން ވެސް ތައްޔާރު ވެފައި ނުވާ ކަމަށެވެ. އެގޮތުން އާ މަންހަޖު ތަންފީޒު ކުރަން ފެށުމުގެ ކުރިން އެކަމާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތު ސްކޫލްތަކަށާއި ބެލެނިވެރިންނަށް ލިބެން ޖެހޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އާ މަންހަޖު ތަންފީޒު ކުރުމަށް އެކަށީގެންވާ ތައްޔާރީތަކެއް ނުވެތިބެ އަންނަ އަހަރު މަންހަޖު ތަންފީޒު ކުރަން ފެށުމަކީ ހަމަ އެކަނި ނަމެއްގައި ކުރެވިގެންދާނެ ކަމެއް ކަަމަށް މުސްތަފާ ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރު އާ މަންހަޖު ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސާނަވީ ތައުލީމް ފަށާ ކުދިން ނުވަތަ ގްރޭޑް އަށެއްގައި ކިޔަވާ ބައެއް ކުދިން ބާކީ ކުރާކަަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ، ތައުލީމީ ގޮތުން ދަށް ކުދިން ނުވަތަ ވަކި އަދަދަކަށް މާއްދާތަކުން ފާސްނުވާ ކުދި އެއީ ނުކިޔެވޭނެ ކުދިން ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި އެ ކުދިން މަސައްކަތުގެ ދާއިރާއިން ނުވަތަ ލައިފް ސްކިލް ދަސްކުރުމަށް ފޮނުވާލާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ، ވަކި އަދަދަކަށް މާއްދާތަކުން ފާސްނުވާ ކުދިން، މަސައްކަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ނިންމައި އެގޮތަށް އަމަލު ކުރުމަކީ މާ ކުރީގެ ސިސްޓަމެއް ކަަމަށެވެ. އަދި ކިޔެވުމުގައި ދަށްކުދިންނަށް ވެސް ސާނަވީ ތައުލީމް ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެފަދަ ކުދިންނަށް ތައުލީމް ހާސިލް ކުރެވޭނެ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެގޮތުން އެކުދިންނަށް ހާއްސާކޮށްގެން ހާއްސަ ކުލާސްތަކެއް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ، ސާނަވީ ތައުލީމު ހާސިލްކުރާ ކުދިންގެ ތެރެއިން ބާކީ ކުރާ ކުދިން ލައިފްސް ސްކިލް ޕްރޮގްރާމަށް ފޮނުވާލާއިރު އެ ދާއިރާގައި އުނގަންނައި ދިނުމަށް އެކަށީގެންވާ ވަރަށް ޓީޗަރުން ތަމްރީން ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ސާނަވީ ތައުލީމު ހާސިލް ކުރާ ކުދިންގެ ތެރެއިން ދަށް ނަތީޖާ ލިބޭ ކުދިން ބާކީ ކުރުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތައުލީމީ އާ މަންހަޖު ތަންފީޒު ކުރުމަށް ތައްޔާރު ނުވެތިބެ އެކަން ނުކުރުމަށް ވެސް މުސްތަފާ އެދިވަޑައިގެންނެވި އެވެ.