މީޑިއާތަކަށް އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: އުމަރު

ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރިންނަށް އިންޒާރުދީ ބިރުދައްކަމުން ގެންދާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ހޯމް މިނިސްްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ އިއްޔެ ވަގުތެއްގައި މިނިވަން ނޫހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުން އެތަނަށް ދީފައިވާ ގެއްލުމާއި އެކަން ރިޕޯޓް ކުރުމުން އެހެން ބައެއް މީޑިއާތަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި މިކަންތައްތައް ގުޅިފައިވަނީ ގޭންގް ހަރަކާތަކާ ކަމަށް ފެންނަ ކަމަށާއި އެކަމާ މެދު އަވަސް ފިޔަވަޅެއް ސަރުކާރުން އަޅަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"މިނިވަން ނޫހުގެ އޮފީސް މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުން ދިން ގެއްލުމާ އަދި އެކަން ރިޕޯޓްކުރަން އުޅުމުން އެހެން ބައެއް މީޑިއާތަކަށް ރޭގެ ވަގުތެއްގައި ދިން އިންޒާރުތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުން ސަރުކާރުން މިގެންދަނީ ބަލަމުން،" އެ ނޫސްބަޔާނުގައިވެ އެވެ.

ރާއްޖޭގައި އުފެދިފައިވާ ކުށްކުރުމުގެ މާހައުލަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ނޫސްވެރިންނަށް ބިރުދައްކާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ހޯމް މިނިސްޓްރީން ބަލަން ފަށައިފައި މިވަނީ އިއްޔެ މެންދުރު މިނިވަން ނޫސް ހިންގާ އިދާރާއަށް ގެއްލުންދީ އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި ހާދިސާއަށްފަހު، އެ ހަބަރު މީޑިއާތަކުގައި ރިޕޯޓްކުރަން ފެށުމުން މީޑިއާތަކަށް އަމާޒުވާން ފެށި އިންޒާރުތަކަށް ފަހުގަ އެވެ.

މިމައްސަލާގައި ރޭ މީޑިއާތަކުން ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކޮށްފަ އެވެ. އަދި ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަން ރޭގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު