ހަމަ އެކަނި ނަންފިލާގަނޑެއް ހިފައިގެން އައިސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ލެވުމަކީ ބޭއިންސާފެއް: އުމަރު

މީޑިއާގެ މަސައްކަތް ނުކޮށް ހަމަ އެކަނި ރަޖިސްޓްރީކޮށްލާފައިވާ ނަން ފިލާގަނޑެއް ހިފައގެން އައިސް މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުދެވޭ ގޮތަށް އޮތުމަކީ ނާއިންސާފެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބު ފަސްކޮށް، މީޑިއާތައް އަލުން ރަޖިސްޓްރީ ކުރަން އެންގެވި ސަބަބާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އިންތިހާބު ލަސްކުރީ ވޯޓު ލަނީ މީޑިއާގައި މަސައްކަތް ކުރާ މީހުން ކަން ކަށަވަރު ކުރުމަށް ކަމަށެވެ.

"... ދިވެހި ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުންކޮޅެއް. އަދި ވަރަށް އަމިއްލަ ޝައުޤުވެރިކަމުގައި އެމަސައްކަތައް ކުރައްވަމުން ގެންދަވަނީ ވެސް. އަދި މިއަށް ހަރަދުކުރައްވާ އެކި އެކި ބޮޑެތި ކުންފުނިތައް ވެސް މާބޮޑު ފައިދާއެއް ވެސް ނޯންނަ ގޮތަށް، ހަމަ ހިލޭ ސާބަހަށް ކަހަލަ ގޮތަކަށް ހަރަދުތައް ވެސް ކުރައްވަމުން ގެންދަވަނީ. އަދި މީޑިއާގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ ވެސް ހަމަ ވޮލަންޓިއަރުންގެ ގޮތުގައި ވަރަށް ގިނައިން މަސައްކަތްކުރައްވާ ބޭފުޅުން. އެހެންވީމާ އެގޮތަށް ދިވެހި ރާއްޖޭގައި އުފެދިފައި އޮތް ބޮޑު މީޑިއާ އިންޑަސްޓްރީއެކޭ އަޅުގަނޑު ދަންނަވާނީ، އެއިންޑަސްޓްރީ އެހެން އޮއްވައި އެކަމާ ނުބެހޭ ބަޔަކު، ހަމަ އެކަނި ރަޖިސްޓްރީ ކޮށްލައިގެން ނަން ފިލާގަނޑެއް ހިފައިގެން އައިސް ވޯޓްލެވޭ ކަމަށް ވަންޏާ މީ ވަރަށް ބޮޑު ނާއިންސާފެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" އުމަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރަޖިސްޓްރީ ކުރުމުގައި ގަވައިދާ ހިލާފު ކަންކަން ހިނގާފައި ހުރި ކަމަށް ފާހަގަކުރެއްވިފައިވާ ކަމަށެވެ.

"... އިންތިހާބުގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައި ހުރި ފަރާތްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އައި އިރުގައި ، އޭގައި ގަވައިދާ ހިލާފު، ގޯސް ކަންކަން ހިނގާފައި ހުރިކަން އަޅުގަނޑުމެނަށް ފާހަގަކުރެވިގެން، އިއްޔެ އަޅުގަނޑުމެން މިހާރު އެއޮތީ އިންތިހާބު ލަސްކުރާކަން އިއުލާނު ކޮށްފައި. އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހުރި ބައެއް ގޯސްކަންތައްތައް ހުރި ގޮތް. ޖުމްލަ 127 ފަރާތަކުން ރަޖިސްޓްރީ ކުރި ވޯޓުލާން. އެއީ ނޫސް މަޖައްލާތަކާއި ޓީވީ ސްޓޭޝަނާއި މިހެން ގޮސް މީޑިއާގައި މަސައްކަތްކުރާ 127 ފަރާތަކުން ރަޖިސްޓްރީކޮށްފައިވޭ. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ފުރަތަމަ ކަމަކަށް، 35 ފޯމެއްގައި ހުރި ފޭކް ސޮއިކޮށްފައި،" އުމަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެއް ނަމެއްގައި ހަ ފޯމެއް ހުށަހަޅާފައިވާކަން ވެސް ފާހަގަވި ކަމަށާއި އެކަހަލަ މައްސަލަތައް ހުއްޓައި އިންތިހާބު ކުރިއަށް ގެންގޮސްފިއްޔާ އެ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް ހޯމް މިނިސްޓްރީ އަށް ގަބޫލު ކުރެވުމުން އިންތިހާބު ފަސް ކުރީ ކަމަށެވެ.

އުމަރު އަދި ވިދާޅުވީ މީޑިއާ ކައުންސިލަށް ކުރިމަތި ލުމަށް އަލުން ފުރުސަތު ހުޅުވާލާނެ ކަމަށާއި އެހެން ނަމަވެސް ކުރިން ކުރިމަތިލައްވާފައިވާ ބޭފުޅުން އަލުން ކުރިމަތި ލައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

"... އަޅުގަނޑުމެން އަލުން ފުރުސަތު ހުޅުވާލާނަން އަލުން ކުރިމަތިލާން. ސަބަބަކީ މިހާރު މި ގޭމްގެ މެދުތެރެއިން ރޫލު ބަދަލުވީ. ބަދަލުވީމާ އަޅުގަނޑު ދެކޭ ގޮތުގައި ފުރުސަތު ހުޅުވާލަން ޖެހޭނެ. އެކަމަކު މިހާރު ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން އަލުން ކުރިމަތި ލައްވާކަށް ޖެހިވަޑައެއް ނުގަންނާނެ، އެބޭފުޅުންގެ ނަން ހަމަ އެ އޮތް ގޮތަށް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު