ޔޫރަޕްގެ ކުލަބްތަކުގައި މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަަމަށްވާ ޔެއެފާ ޗެންޕިއަންސް ލީގުގައި ކުޅޭ ޔޫރަޕްގެ އެކި ކުލަބްތަކުގައި ހިމެނެނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެންމެ 17 ކުޅުންތެރީންނެވެ. މީއީ މި މުބާރާތުގައި ވާދަކުރާ ބެލަރުސްގެ ޓީމުތަކުގައި ހިމެނޭ ބެލަރުސް ކުޅުންތެރިންނަށް ވުރެ އެންމެ ކުޅުންތެރިއަކު އިތުރު އަދަދެކެވެ.
ފުޓްބޯޅައިގެ އެންމެ ބޮޑު މާކެޓެއް އޮންނަ އިނިގިރޭސި ވިލާތުގެ ޓީމުތަކުން މިހަފްތާގައި ކުޅުނު މެޗުތަކުގައި އެގައުމުގެ ކުޅުންތެރިންނަށް ފުރުސަތު ދީފައި ވަނީ ވަރަށް މަދުންނެވެ. އެގޮތުން މިއުނިކްގައި ބަޔާންއާ ދެކޮޅަށް އިނިގިރޭސި ޗެންޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ހަމަ އެކަނި އިނގިރޭސި ކުޅުންތެރިއަކީ ކީޕަރު ޖޯހާޓެވެ.
ސްޓެމްފޯޑް ބްރިޖްގަައި ޖަރުމަނު ޝާލްކޭއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އިނގިރޭސި ދެ ކުޅުންތެރިންނަށެވެ.
ސްޕެއިންގެ އެތުލެޓީކޯ ބިލްބާއޯ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ސްޕެއިންގެ 10 ކުޅުންތެރިޔަކު ހިމެނުނެވެ. އަދި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ސްޕެއިންގެ ހަ ކުޅުންތެރިޔަކު ހިމެނުނެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ސްޕެއިން އަށެވެ. ސްޕެއިން 82 ކުޅުންތެރިޔަކު މުބާރާތުގައި ވާދަ ކުރާއިރު އޭގެތެރެއިން އެތުލެޓިކޯ ބިލްބާއޯގެ ސްކޮޑުގައި ސްޕެއިންގެ 22 ކުޅުންތެރިން ހިމެނެއެވެެ.
މި މުބާރާތުގައި ބްރެޒިލްގެ 76 ކުޅުންތެރިޔަކު ކުޅޭއިރު ދުނިޔޭގެ ޗެންޕިއަން ޖަރުމަނުގެ 56 ކުޅުންތެރިޔަކު އެކި ކްލަބުތަކުގައި އެބަތިއްބެވެ.
އިނގިރޭސިވިލާތުގެ ކުޅުންތެރިންނަށް ވުރެ ގިނައިން މި މުބާރާތުގައި ސުވިޑަން އާއި ރަޝިޔާ އާއި ތުރުކީ އާއި އިޓަލީ އާއި ފްރާންސް އާއި ހޮލެންޑާއި ވޯލްޑްކަޕްގެ ރަނަރަޕް އާޖެންޓީނާ އިންވެސް ކުޅުންތެރިން ހިމެނެއެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އަމިއްލަ ގައުމުން ބޭރުގެ ކްލަބްތަކަަށް ސްޕެއިންގެ 29 ކުޅުންތެރިޔަކު ކުޅެއެވެ.