ޗައިނާގެ ރައީސް ލިޔުއްވާފައިވާ އާޓިކަލެއް ސަންގެ އިނގެރޭސި އެޑިޝަންގައި ޝާއިއުކޮށްފި

ޗައިނާގެ ރައީސް ޒީ ޖިންޕިންގް ލިޔުއްވާފައިވާ އާޓިކަލެއް ސަންގެ އިނގެރޭސި އެޑިޝަންގައި މިއަދު ޝާއިއުކޮށްފި އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާއްސަ ދައުވަތަކަށް މިއަދު ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖައްސަވައިފައިވާ ޗައިނާގެ ރައީސް ގެ މި ލިޔުއްވުމުގައި ޗައިނާ އާއި ދިވެހިރާއްޖޭގެ ތާރީޚީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައިވެ އެވެ. އެ ގޮތުން ގަދީމީ ތާރީޚުގައި ރާއްޖެ އާއި ޗައިނާ އާއި ގުޅުން އޮތް ގޮތާއި އެގުޅުން ތަރައްގީވަމުން އައިސްފައިވާ ގޮތުގެ މައްޗަށް ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނުގެ ލިޔުއްވުމުގައި މިޒަމާނުގެ ތަރައްގީގައި ޗައިނާ އާއި ދިވެހިރާއްޖެ ގުޅިގެން ހޯދިދާނެ ފައިދާ ތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވައިލައްވައިފައިވެ އެވެ. އެ ގޮތުން ޓޫރިޒަމާއި އެނޫން ވެސް ދާއިރާތަކުން ދެގައުމު ވަރުގަދަ ވެގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް ލިޔުއްވާފައިވެ އެވެ.

ޗައިނާގެ ރައީސްގެ އެ ލިޔުއްވުމުގައި ރާއްޖޭގެ ރީތިކަމަށް ތައުރީފުކުރައްވަމުން ވިދާޅުވެފައި ވަނީ އެމަނިކުފާނު ހުންނެވީ ރާއްޖެ އަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންފައި ކަމަށެވެ.

"އަޅުގަނޑު މި ހުރީ، އިންޑިޔާ ކަނޑުގައި އޮންނަ ތިޔަ ބޭފުޅުންގެ ރީތި، ހިތްގައިމު ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ޝައުގުވެރިކަމުން ފުރިފަ،" ޗައިނާގެ ރައީސް ގެ ލިޔުއްވުމުގައި ވިދާޅުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު