ހަވަނަ މައިލޯ އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

ނުވަ ސްކޫލަކުން 95 ކުޅުންތެރިންނާއެކު ހަވަނަ މައިލޯ އިންޓަ ސްކޫލު ޓޭބަލް ޓެނިސް މުބާރާތް މިއަދު ފަށައިފިއެވެ.

މިމަހުގެ 10 އިން 14 އަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވި ސްކޫލްތަކަކީ އަހްމަދިއްޔާ ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ސީއެޗްއެސްއީ، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ބިލަބޮންގް ހައި އިންޓަނޭޝަނަލް، އިސްކަންދަރު ސްކޫލް، ކަލާފާނު ސްކޫލް އަދި ލާލެ ޔޫތު އިންޓަނޭޝަނަލް ސްކޫލެވެ.

މުބާރާތް ފެށުމުގެ ކުރިން ކުރިއަށް އޮތް ތިން އަހަރަށް އެ މުބާރާތް ސްޕޮންސާ ކުރުމާ ބެހޭ އެއްބަސް ވުމެއްގައި ޓީޓީ އެސޯސިއޭޝަނާއި ލޮޓަސް އެންޓަޕްރައިސްއާ ދެމެދު ވަނީ ސޮއިކޮށްފައެވެ. ޓީޓީ އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ލަތީފެވެ. އަދި މައިލޯއިން ސޮއި ކޮށްފައިވަނީ ލޮޓަސް އިންޓަޕްރައިސް ގެ މެނޭޖިން ޑިރެކްޓާ އަހުމަދު ނާސިރެވެ.

މި މުބާރާތާ ގުޅިގެން ޓީޓީ އެސޯސިއޭޝާންގެ ރައީސް އަހުމަދު ލަތީފު ދެއްވި ޚިތާބެއްގައި ވިދާޅުވީ ޓީޓީ މުބާރާތަށް ފަހު އިތުރު ހަރަކާތްތަކެއް ނުބޭއްވި ދިޔައީ ޓީޓީ ހޯލު ބަންދުކުރުމާ ގުޅިގެން ކަމަށާއި އެކަމާ ހިތާމަ ކުރައްވާކަމަށެވެ.

"ވޭތުވެ ދިޔަ އަހަރުގެ އިންޓަ ސްކޫލު މުބާރާތަށްފަހު ސްކޫލު ކުދިންގެ މެދުގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް މަސައްކަތް ތަކެއް ކުރަން ރޭވި ހިންގަންފެށުނު ކަމުގައިވީނަމަވެސް ކުޅިވަރު އެކުވެނީގެ ޓީޓީ ހޯލް ބަންދުކުރަން ޖެހުމާ ގުޅިގެން އަދި ކުޅޭނެތަނެއް ނެތުމާއި އެކު މިމަސައްކަތް އެދެވޭ ގޮތަކަށް ކުރިއަށް ގެންދެވިފައިނުވާކަން ހިތާމައާއި އެކު ފާހަގަ ކުރަން،" ލަތީފު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވުނު މައިލޯ އިންޓަ ސްކޫލު ޓޭބަލް ޓެނިސް މުބާރާތުގެ ނުވަ އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން އެއްވަނަ ލިބިފައިވަނީ ޝަލް އަބްދުﷲ ޝަރީފަށެވެ. ފިރިހެން ސިންސަލްސްގެ ޗެމްޕިއަންކަން ލިބިފައިވަނީ ޔޫސުފް އަވަން އަބްދުﷲ އަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އައިޝަތު ރަފާ ނާޒިމެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންޝިޕް ހޯދާފައިވަނީ މުހައްމަދު ޝައްފާނެވެ.

ޓީޓީގެ ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ހޯދާފައިވަނީ އަހުމަދު ޒައިދާން އާދަމް އެވެ. މުބާރާތުގެ 15 އަހަރުން މަތީގެ އަންހެން ސިންގަލްސް ކާމިޔާބު ކޮށްފައިވަނީ އިހްސާނާ ތައުފީގެވެ. އަދި 15 އަހަރުން މަތީގެ ފިރިހެން ސިންގަލްސް ކާމިޔާބު ކޮށްފައިވަނީ މުހައްމަދު ޒީސްތު ނަސީމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު