މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންނާ އެކު ސްކޫލް ދަރިވަރުން ހަރަކާތްތެރިވަނީ

ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ޓްރެފިކް ފުލުހުންނާއެކު ސްކޫލްގެ ދަރިވަރުން ހަރަކާތްތެރިވުމުގެ ޕްރޮގްރާމެއް ފުލުހުން ތައާރަފްކޮށްފި އެވެ.

ޓްރެފިކް ބެލެހެއްޓުމުގައި ޓްރެފިކް ޕޮލިހުންނާއެކު ދަރިވަރުން ހަރަކާތްތެރިވުމުގެ ޕްރޮގްރާމް، "ޓްރެފިކް މޮނީޓާސް" ފުރަތަމަ ތައާރަފްކޮށްފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގަ އެވެ.

އެ ސްކޫލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތާހާ ސަލީމް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

ފުލުހުން ބުނީ، "ޓްރެފިކް މޮނީޓާސް" ޕްރޮގްރާމްގެ ދަށުން އެ ސްކޫލު ދަންފަޅިތައް ފެށޭ ގަޑީގަ އާއި ދަންފަޅި ނިމޭ ގަޑީގައި ސްކޫލު ކައިރީގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގައި ޓްރެފިކް ފުލުހުންނާ އެކު އެސްކޫލުގެ ދަރިވަރުން ހަރަކާތްތެރިވާނެ ކަމަށެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތާހާ ވިދާޅުވީ، އެ ޕްރޮގްރާމުގެ ދަށުން ސްކޫލުގެ ސްޓޫޑަންޓް ކައުންސިލުގައި ހިމެނޭ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ބެހޭ ގޮތުން މައުލޫމާތުދީ ދަރިވަރުންނަށް ބޭނުންވާ ތަމްރީނު ދީފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ފުލުހުންނާ އެކު ހަ ކުދިން މަގުމަތީގެ ޓްރެފިކް ބަލަހައްޓަން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ، އެ ދަރިވަރުންގެ މަސައްކަތް ބަލަހައްޓާ އެހީތެރިވެދިނުމަށާއި ދަރިވަރުންގެ ސަލާމަތަށް ޓަކައި ޓްރެފިކް ފުލުހުން ތިބޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް މާލޭގެ އެހެން ސްކޫލުތަކުގައި ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު