ފަލަސްތީނު ރައްޔިތުން މަރަން ޖެހޭ ކަމަށް ބުނި ޖޯން ރިވާސް މަރުވެއްޖެ

ފަލަސްތީނުގެ ރައްޔިތުންނަކީ މަރަންޖެހޭ ބައެއް ކަމަށް ބުނި ޖޯން ރިވާސް މަރުވެއްޖެ އެވެ.

އެމެރިކާއަށް ނިސްބަތްވާ މަޝްހޫރު ކޮމޭޑިއަން އުމުރުން 81 އަހަރުގައި މިއަދު މަރުވިކަން އޭނާގެ ހަމައެކަނި ހުރި ދަރިފުޅު މެލީސާ ރިވާސް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ.

ޖޯން ރިވާސް މަރުވެފައިވަނީ ކަރުގެ ސާޖަރީ އެއް ކުރަމުން ދަނިކޮށް ކުއްލިއަކަށް ނޭވާލުން ހުއްޓި، ކޯމާއަކަށް ދިޔުމަށްފަހު ހާލު އިތުރަށް ގޯސްވެގެންނެވެ.

އީ އޮންލައިނުން ފޮނުވާ މަޝްހޫރު ޕްރޮގްރާމް ފެޝަން ޕޮލިސް ވެސް ހުށަހަޅައިދޭ ޖޯން ރިވާސް އަކީ އޭނާ މަޖަލަކަށް ހަދާފައި ބުނާ ބަސްތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އެމީހަކަށް އަމާޒުވެފައިވާ މީހެކެވެ.

އޭނާއަކީ މީހުންގެ ސިފައަށް އަބަދުވެސް ފާޅުގައި ޖޯކުޖަހާ ހަދާ މީހެކެވެ. އަދި އޭނާއަކީ އޭނާ އަމިއްލައަށް ހަދާފައިވާ ސާޖަރީތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ މަލާމާތް ކުރާ މީހެކެވެ.

ދީނެއްގެ ގޮތުގައި ޔަހޫދީ ދީން ގާބޫލު ކުރާ ޖޯން ރިވާސް ވަނީ ދާދިފަހުން އިޒްރޭލުން ފަލަސްތީނު ރައްޔިތުން މަރަމުންދާ މައްސަލައަށް ތާއިދު ކުރާ ކަމަށް ބުނެ، ފަލަސްތީނު ރައްޔިތުންނަކީ މަރަންޖެހޭ ބައެއް ކަމަށްބުނެ ވާހަކަ ދައްކާފަ އެވެ.

އެގޮތުން ނޫސްވެރިއަކު އޭނާއާ ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ "އެމީހުން [ފަލަސްތީނު މީހުން] ހަނގުރާމަ ފެށީ. އަހަރެމެން ނުޖެހޭ މަރުވި މީހުންގެ އަދަދު ބަލާކަށް. ކަލޭމެން [ފަލަސްތީނު މީހުން] ޖެހޭނީ މަރުވާން. ކަލޭމެންނަށް މަރު ހައްގު،" ކަމަށެވެ.

ނަމަވެސް މީހުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޭނާ ބުނެފައި ވަނީ މީޑިއާތަކުން ވާހަކަ ފަތުރާފައިވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ. ނަމަވެސް އޭރު އޭނާ އެވާހަކަ ދައްކާފައިވަނީ ކެމެރާތަކުގެ ކުރިމަތީގަ އެވެ. އަދި އެވާހަކަ ތަކުގެ ވީޑިއޯ ވަނީ އާންމުވެސް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު