ގަމު ސްކޫލް މުވައްޒަފުންގެ މުސާރަ ޑަބަލްކޮށް ޖަމާކޮށްދިން މައްސަލައެއް ފެންމަތިވެއްޖެ

ސަރުކާރުން ލ. ގަމުގައި ހިންގަމުން އަންނަ އިހައްދޫ ސްކޫލްގެ މުވައްޒަފުންނަށް މިދިޔަ އޯގަސްޓް މަހުގެ މުސާރަ ބޭންކް އޮފް މޯލްޑިވްސް އިން ޑަބަލްކޮށް ޖަމާކޮށްދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިހައްދޫ ސްކޫލްގެ ބަޖެޓް ހެޑް ހުސެއިން މޫސާ މިއަދު ސަން އަށް ވިދާޅުވީ އެ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ފުރަތަމަ މިދިޔަ މަހުގެ 28ގައި ޖަމާކޮށްދިން ކަމަށާއި އަދި ހަމަ އެ އަދަދަށް މުސާރަ މިދިޔަ މަހުގެ 31ގައި ވެސް ޖަމާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މުސާރަ ޝީޓް ބޭންކް އަށް ފޮނުވީ މިދިިޔަ މަހުގެ 26ގައި ކަމަށާއި މުވައްޒަފުންގެ މުސާރަތައް ޑަބަލްކޮށް ޖަމާވެފައިވާކަން އެނގުނީ މުސާރަ ދެ ފަހަރަށް ޖަމާކޮށްދިން ކަމަށް ބުނެ ބައެއް މުވައްޒަފުން ސުވާލުކުރަން ފެށުމުން ކަމަށެވެ. އަދި އެކަން ޔަގީންވީ ބޭންކާ ގުޅައިގެން އެ މައުލޫމާތު ސާފުކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ މުވައްޒަފުން އެ ސުވާލު ކުރަމުން ގެންދިޔަ، އެހެންވެ އަޅުގަނޑު އަމިއްލަ އަށް ބީއެމްއެލްގެ އޭޓީއެމްއަކުން ފައިސާ ނަގާފައި ޗެކްކުރި އިރު އަޅުގަނޑުގެ މުސާރަ ވެސް އިނީ ޑަބަލްވެފައި. އެހެންވެ ބޭންކަށް ގުޅީ، ބޭންކުން ބުނީ އެއީ އޮޅުމަކުން ވެފައި އިން ކަމެކޭ. އަދި އިތުރަށް ޖަމާވެފައި ހުރި ފައިސާތައް ނުނެގުމަށާއި ނެގި ނަމަވެސް އެމީހެއްގެ އެކަންޓުން އެ ފައިސާތައް ކެނޑެމުންދާނެ ކަމަށް ވެސް ބޭންކުން ބުނި،" ހުސައިން ވިދާޅުވި އެވެ.

އިހައްދޫ ސްކޫލްގެ ބަޖެޓް ހެޑް ވިދާޅުވީ މުސާރަ ޑަބަލްކޮށް ޖަމާކޮށްފައިވޭތޯ ޔަގީން ކުރުމަށް އޭނާ އަމިއްލަ އެކައުންޓުން ފައިސާ ނަގާފައި ބެލި އިރު މުސާރަ ޑަބަލްވެފައިވާކަން ކަށަވަރުވި ކަމަށެވެ.

"އަދި ޖެހިގެން އައި ދުވަހު ބޭންކް އޮފް މޯލްޑިވްސް އިން ސްޓޭޓްމަންޓް ނެގި އިރު އެބައިނދޭ ދެ ފަހަރު މުސާރަ ޖަމާކޮށްދީފައި. ދެން އަޅުގަނޑު ބޭންކަށް ގުޅީމާ ބޭންކުން ބުނީ ދެ ފަހަރަށް މުސާރަ ޖަމާކޮށްދެވިފައި ވަނީ އޮޅުމަކުން ކަމަށް،" ހުސެއިން ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލު ވިދާޅުވީ އެފަދަ ކަމެއް އެ ސްކޫލްގެ މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ ތެރޭގައި ހިނގި ކަމަށާއި ނަމަވެސް އެ ފައިސާ ރިވާސްކޮށްފައިވާ ކަމަށެވެ.

"ކޮންމެ މަހަކު އެތައް ހާސް މުވައްޒަފުންގެ މުސާރަ ބޭންކަށް ޖަމާ ކުރޭ. މި މސައްކަތަކީ ބޭންކުން ވަރަށް ފުރިހަމައަށް ކުރަމުން އަންނަ ކަމެއް. މުސާރަ ޝީޓް ލަހުން ލިބޭ ހާލަތްތަކުގައިވެސް ބޭންކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ބަރާބަރަށް މުސާރަ ޖަމާކޮށްދޭ. ނަމަވެސް މިފަހަރު މުސާރަ ޖަމާކުރުމުގައި 40 ހަކަށް މުވައްޒަފުންނަށް ޑަބަލްކޮށް މުސާރަޖަމާވި. އެކަން މިހާރުވަނީ ރަނގަޅުކުރެވިފައި،" ބީއެމްއެލް އިން ބުންޏެވެ.

އިއްހައްދޫ ސްކޫލްގެ ބައެއް މުވައްޒަފުން ވަނީ ޑަބަލްކޮށް މުސާރަ ޖަމާކޮށްފައިވާ ކަން އެނގިގެން އެ މީހުންގެ އެކައުންޓްގައި ހުރި ފައިސާތައް އެއްކޮށް ނަގާފައި އެވެ. އަދި އަނެއް ބައި މީހުންގެ އެކައުންޓްތަކަށް އިތުރަށް ޖަމާވި ފައިސާ ފަހުން ނަގަން ބެލި އިރު އެކައުންޓްގައި އެއްވެސް އަދަދަކަށް ފައިސާއެއް ނެތް ކަމަށް ވެސް އެ މީހުން ބުންޏެވެ.

"މުސާރައަށްވާ 8500 ނަގާފައި އިތުރަށް 5000 ނެގިން އެ ދުވަހު. ނަމަވެސް ރޭ ލާރިނަގަން ދިޔަ އިރު ދައްކަނީ އެއްވެސް ވަރަކަށް އެކައުންޓްގައި ކްރެޑިޓް ނެތް ކަމަށް. ނަމަވެސް ކުރިން ދުވަހު ނެގި އިރު ބާކީ 5000 އެއްހާ ރުފިޔާ ހުރި،" އެ ސްކޫލްގެ އެހެން މުވައްޒަަފަކު ބުންޏެވެ.

އިހައްދޫ ސްކޫލްގެ މުވައްޒަފުންގެ ގޮތުގައި ޓީޗަރުންނާ އެކު 48 މުވައްޒަފުން ތިބޭ އިރު އެ ސްކޫލްގެ މުސާރަ ޝީޓަށް މިމަހުގެ އަރާފައި ވަނީ 371،518.88 ރުފިޔާ އެވެ. އެހެން ކަމުން އެ އަދަދު ޑަބަލްކޮށް ވަނީ ސްކޫލްގެ މުވައްޒަފުންގެ އެކައުންޓަތަކަށް ޖަމާވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު