ދަރިވަރުން ހޯދާ ނަތީޖާ އަށް ސްކޫލްތަކުން ޒިންމާ ވާން ޖެހޭ: މިނިސްޓަރު

ކޮންމެ ސްކޫލަކުން ވެސް އެ ސްކޫލްގެ ދަރިވަރުން ހާސިލްކުރާ ނަތީޖާ އަށް ޒިންމާ ވުމުގެ ސަގާފަތެއް އަށަގަންނުވަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ އެޑިއުކޭޝަން ސިސްޓަމް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް، "ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭން"ގެ ނަމުގައި ބޭއްވި ވޯކްޝޮޕް ނިންމުމަށް ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމީ ގޮތުން ކުރިއަށް ނުދެވޭ ކުދިންނަށް ވެސް ސްކޫލްތަކުގެ ތެރެއިން ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް ހިދުމަތްތެރި މީހަކަށް ވެވޭނެ މަގު ތަނަވަސް ވާންޖެހޭނެ ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށް ސްކޫލްތަކުން ޒިންމާ އުފުލުމުގެ ސަގާފަތެއް އަށަގަންނުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތައުލީމީ ގޮތުން ކުރިއަށް ނުދެވޭ ކުދިންނަށް ވެސް އެކުދިންގެ ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް، ތިމާއަށާއި ތިމާގެ އާއިލާ އަށް އަދި ގައުމަށް ހިދުމަތްތެރި މީހަކަށް ވެވޭނެ މަގު ސްކޫލްގެ ތެރެއިން ތަނަވަސް ވާންވާނެ. މި މަގްސަދު ހާސިލްވާނީ، ކޮންމެ ސްކޫލަކުން ވެސް އެ ސްކޫލްގެ ދަރިވަރުން ހާސިލްކުރާ ނަތީޖާ އަށް ޒިންމާ ވުމުގެ ސަގާފަތެއް އަށަގަންނުވައިގެން. އެހެންކަމުން ތައުލީމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުން ހާސިލްކުރާ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރާނެ އުކުޅުތަކާއި ހުނަރުތައް ދަސްކޮށް ނަތީޖާ ރަގަޅުކުރުމަށް މަސައްކަތް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވީ، ޓީޗަރުންނަށާއި ޕްރިންސިޕަލުންގެ އިތުރުން ސްކޫލްތަކުގެ ބަޖެޓާއި ހިއުމަން ރިސޯސްގައި މަސައްކަތްކުރާ މުއައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގައި ސްކޫލްތައް ހިންގުމުގައި ކޮންމެހެން ބޭނުންވާނެ މެނުއަލްތައް ތައްޔާރުކުރުމުގެ އޮތީ އެންމެ އަމާޒެކެވެ. އެއީ ހަމަ ކޮންމެ ކުއްޖަކު ވެސް ބާކީނުކޮށް ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާ ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދިނުން ކަމަށެވެ.

އެގޮތުން ނިމިގެން ދިޔަ ވޯކްޝޮޕްގައި އެނގިގެން ދިޔަ މައުލޫމާތު ސްކޫލްގެ ހުރިހާ މުވައްޒަފުންނާ ހިއްސާކުރައްވައި ސްކޫލުގެ ނަތީޖާއާ މެދު ސްކޫލުގެ ކޮންމެ މުވައްޒަަފެއްގެ ހިއްސާއެއް އޮތްކަން އަންގައިދެއްވުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އަރިހުން މިނިސްޓަރު އެދިވަޑައިގަތެވެ.

މެލޭޝިއާގެ އެޑިއުކޭޝަން ސިސްޓަމްގެ ދަށުން ހިންގާ ޓްރެއިނިންތަކުގައި އެންމެ އިސްކޮށް ހުންނަވާ ޕްރޮފެސަރެއް ކަމަށްވާ ޑރ. ބާލާއެސް ރާމިޔާ މައުލޫމާތު ދެއްވައިގެން، މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ޖުމްލަ 271 މީހުން ބައިވެރިވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު