ތޫނު ހަތިޔާރާ އެކު 17 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފި

އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު 19،000 އަށް ވުރެ ގިނަ ރުފިޔާ އާއި ތޫނު ހަތިޔާރާ އެކު ރ. މަޑުއްވަރީން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 17 އަހަރުގެ ކުއްޖާ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ގެއިން ކަމަށެވެ.

އިއްޔެ ހެނދުނު 7:00 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި 17 އަހަރުގެ ކުއްޖާ ދިރިއުޅެމުން ދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެގޭގެ ތެރެއިން 19،505 ރުފިޔާ އާއި އަންގި އަކާއި ތޫނު ހަތިޔާރު ގޮތުގައި ބޭނުންކުރާ ޒާތުގެ ވަޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު