ހެޔޮނުވާނެ: އަހަރުގެ އެންމެ ފޫހި ފިލްމު

ފާތުމަތު ނަހުލާ (ނަހޫ)ގެ ފިލްމެއް ދިވެހި ސްކުރީނަށް އަންނަ ވާހަކަ ބުނުމަކީ ދިވެހި އޯޑިއަންސަށް ވަރަށް ހާއްސަ ކަމަކަށް ވެއެވެ. ނަހުލާ ތައްގަނޑުގައި ނުކުންނަ ކޮންމެ ފިލްމަކީވެސް އާދަޔާ ހިލާފަށް ގިނައިން ރުޔުމުގެ މަންޒަރުތައް ގެނެސްދީފައި ހުންނަ ފިލްމު ތަކަށްވާތީ ކަމުދަނީ އެވެ. ދިވެހިންގެ ޖަޒުބާތުތަކާއި ކުޅެލުމުގައި ނަހުލާއަކީ މަޝްހޫރު ޑައިރެކްޓަރެއްގެ އިތުރުން މޮޅު ވާހަކަ ލިޔުންތެރިއެކޭ ނުބުނެވެންވީ ސަބަބެއް ނެތެވެ. ދިވެހި އޯޑިއަންސް ބަލައިގަތް ކިތަންމެ ފިލްމެއް ނެރެ، ނަހުލާވަނީ ފިލްމް އިންޑަސްޓްރީގައި ބްރޭންޑެއް އުފައްދާފަ އެވެ. ފިލްމީ ދުނިޔޭގައި ކާމިޔާބު އެތައް ފިލްމުތަކެއް މިދިޔަ އަހަރު ފެނިގެން ދިޔަ އެވެ. އެހެންނަމަވެސް އަހަރު ނިންމާލަން ޖެހުނީ ނަހުލާގެ "ހެޔޮނުވާނެ" އިން ދިވެހި އޯޑިއަންސް މާޔޫސް ކުރުވަމުންނެވެ.

ހެޔޮނުވާނެގެ ވާހަކަ ބިނާ ކޮށްފައިވަނީ މުޖުތަމައުގައި އާންމުކޮށް ފެންނަ ފިލްމްތަކުގެ ސްޓޯރީލައިންނާ ތަފާތު ގޮތަކަށެވެ. ޔޫއްޕެގެ ޒަމާންވީ ލޯބި މަންމަގެ އެދުމުގެ މަތިން ކަފުންކުރުމަށްފަހު ޒީލަގަދަ އަންހެނެއް ކަމަށްވައި ޝީލާއާ ކައިވެނި ކުރަން ޖެހެ އެވެ. މިއަހަރުތެރޭ ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު އެއް ވާހަކައަކީ މި ފިލްމުގެ ވާހަކަ އެވެ. އެކަމުގައި ނަހުލާޔަށް ތައުރީފުހައްގެވެ. އެކަމަކު ވާހަކަ، ބެލުންތެރިންނަށް ހުށަހަޅައިދިނުމުގައި ޔޫއްޕެވެސް އަދި ނަހުލާވެސް ވަނީ ފެއިލް ވެފައެވެ.
ޔޫއްޕެއަކީ ކުޅަދާނަ އެކްޓަރެކެވެ. ޔޫއްޕެގެ އެކްޓިންއިން އޮޑް ކަންތައްތަކެއް ފާހަގަ ނުކުރެވުނަސް އޭނާގެ ޑައިރަކްޝަނުން ކިތަންމެ "ހަޑި" އެއް ފެނެއެވެ.

ފިލްމުގެ މަންޒަރުތައް ތަރުތީބު ކުރުމުގައި އެއްވެސް އޯޑަރެއް ނެތި ފިލްމު ކުރުގަޅުވާލާފައި ހުރި ކަމުގެ އިހްސާސް ފިލްމް ބަލަމުން ދިޔައިރުކުރެވުނެވެ. ދެތިން ފަހަރަކު މޯޅިއަށް ދެމޭ ގޮތްވެސް ވި އެވެ. ފުލެސްބެކް ތަކާއި ކެރެކްޓަރުން ފިލްމަށް އިންޓްރޮޑިއުސް ކުރުމުގައި ޔޫއްޕެގެ އެއްވެސް ހުނަރެއް ނުފެނުނެވެ.

މުޅި ފިލްމުގެ 90 ޕަސެންޓަކީ ރޯ މަންޒަރުތައް ދައްކުވައިދޭ މަންޒަރުތަކެވެ. ހީވަނީ ބަޔަކު ރޮއްވަން ހަދާފައި އޮތް ޑޮކިޔުމަންޓްރީއެއްހެންނެވެ. ޔޫއްޕެއަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ޓޮޕް ސްޓާރުކަމަށް ޝައްކު ނުކުރިއަސް ޔޫއްޕެގެ ޑައިރެކްޝަން އާއި މެދު ސުވާލު އުފެދޭ ބޮޑެތި ސުވާލުތަކެއް އެބަހުއްޓެވެ. ފިލްމުގެ ފުރަތަމަ މަންޒަރުން ފެށިގެން ގޮސް ފިލްމުގެ އެންމެ ފަހު މަންޒަރާ ހަމައަށް އެއްވެސް އަސްލެއް ފާހަގައެއް ނުކުރެވުނެވެ. ފިލްމް ޝޫޓްކޮށްފަ ހުރި ލޮކޭޝަންތައް ކިތަންމެ ސަޅިޔަސް ޝޫޓްކުރުމުގައި އެއްވެސް ރިޔަލިޓީއެއް ނެތެވެ. މުޅި ފިލްމް ނިމެންދެންވެސް ޔޫއްޕެ (ޒިޔާދު) މަސައްކަތް ކުރާ ސުކޫލްގެ މާހައުލުން ފެންނަނީ ފިލްމުގެ ކެރެކްޓަރުންތައް އެކްނަޏެވެ. ހީވަނީ އެއީ ފަޅުރަށެއްގައި ހުރި އާސާރީ ބިނާއެއްހެންނެވެ.

ނަހުލާ ތައްގަނޑުގެ ފިލްމަކަށް މި ފިލްމް ވިޔަސް ކުރަން ހެޔޮނުވާވަރުގެ ކިތަންމެ ކަމެއް ފިލްމުގައި ކޮށްފައި އެބަހުއްޓެވެ. އޮލިމްޕަހުގައި ފިލްމް ބަލަން އިން އިރު ބައެއް ފަހަރު ހީވަނީ ހިންދީ ޑްރާމާ ސީރީޒެއް އަޅުވާފައިހުރި ހެންނެވެ. މުޅި ފިލްމް ކަރުނައިން ފޯވެ ތެމިފައިވާއިރު އޯޑިއަންސުގެ ޓިޝޫތައް ހުރީ ހަމަ ހިކިކޮންނެވެ. ރޮއެގަނެގެން ގޮސް ބަޑިފަޅައިގެން ދާ ކޮންމެ ފަހަރަކު ކަންފަތް ދަށުގައި މީހަކު ހަޅޭއްލަވާހެން ތީމް މިޔުޒިކް ގެ އަޑުއިވެ އެވެ. އޯޑިއަންސް ބިރުން ގަންނަވައި މަޖުބޫރުން ރޮއްވަން މަސައްކަތް ކޮށްފައިވާހެން ހީވެ އެވެ.

ފިލްމު ފެށި، ދެތިން މަންޒަރާ ހިސާބަށް ދިޔައިރު މުޅި ފިލްމުގައި ވާނެގޮތް އޯޑިއަންސައް އޮތީ އެނގިފަ އެވެ. ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ ދެތިން މަންޒަރެއް އައިކަމުގައިވިޔަސް މުޅި ފިލްމުގެ ސަސްޕެންސް އޮތީ ގެއްލިފަ އެވެ. އިންޓަވަލް ފަހުން ފިލްމް ބަލައިފިނަމަ ހީވާނީ މިއީ ތަފާތު ދެ ވާހަކައެއް ގަދަކަމުން ގުޅުވައިގެން އުފައްދާފައިވާ ފިލްމެއް ހެނެވެ. އިންޓަވަލް ފަހުން އެކަނި ބަލައިލަންވެސް މި ފިލްމް ކަމުދާނެހެން ހީވެ އެވެ.

ފިލްމުގައި ހުރި ރަނގަޅު ކަންކަމުގެ ވާހަކަ ދައްކާއިރު ޝީލާގެ އެކްޓިން ވަރަށް ބޮޑަށް ފާހަގަކޮށްލަންޖެހެ އެވެ. ޝީލާގެ އެކްޓިންއަކީ މިއހަރުތެރޭގައި އަންހެން ތަރިއަކު ދެއްކި އެންމެ މޮޅު އެކްޓެވެ. ފިލްމުގެ ޑައިލޮގްތައް މިހާރުގެ ބަހުރުވައިގެ ވައްޓަފާޅިއާ ގުޅިފައިހުއްޓަސް ފިލްމުގެ މަންޒަރުތައް ފަރުވާލެއް ނެތި އުކާލާފައި އޮތުމުން އެކަމުން ފިލްމު އޮތީ ފޫހި ކަމުގެ ތެރޭގަ އެވެ.

ހެޔޮނުވާނެ އަކީ ނަހުލާގެ ފޭނުންނަށް ރޮއިލައި ޓިޝޫތައް ކަރުނައިން ތެއްމާލުމުގެ ފިލްމަކަށް ވެދާނެ އެވެ. ނަހޫގެ ތައްގަނޑުގެ ފިލްމްތައް އެއީ ކޮންމެ ސިފައެއްގައި އޮތަސް ގަބޫލު ކުރާނެ ކިތަންމެ މީހެއް ތިބޭނެ އެވެ. އެއީ ނަހޫގެ ކުލައާއި ރަހަ އޭގައި ހިމެނިފައި ހުރީމައެވެ. ވާހަކަ ލިޔުނީ ނަހުލާކަމަށް ވުމެވެ. މިވާހަކައަކީ ދައްކަން ހެޔޮނުވާވަރުގެ ވާހަކައަކަށްވިޔަސް ނަހުލާގެ ފިލްމުތަކުގެ ކޮލިޓީދަނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ. ވީރާނާވެސް ދިޔައީ ހަގީގަތުގައި "ވީރާނާ" ވެގެންނެވެ. "ހެޔޮނުވާނެ" ވެސް މިވީ އެހާ ފޫހި ފިލްމަކަށެވެ. މީގެ މާނައަކީ ނަހޫގެ ތަރި އޮއްސުމެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު