އެފްރިކާގެ ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ރޯގާ ޖެހިގެން ލައިބީރިޔާގައި ކަރަންޓީނުކޮށްފައި ތިބި ބަޔަކު ފިލައިފިއެވެ.
ލައިބީރިޔާގެ އޮފިޝަލުންނާ ހަވާލާދީ އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން މިއަދު ބުނީ ލައިބީރިއާގެ ވެރިރަށް މޮންރޯވިއާގައި އެބޯލާ ޖެހިފައިވާ ބަޔަކު ކަރަންޓީނުކޮށްފައި ތިބި ތަނަކުން މަދުވެގެން 20 މީހުން ފިލާފައިވާ ކަމަށެވެ. އަދި ބުނީ އެމީހުން ފިލީ މުޒާހަރާކުރި ބަޔަކު އެމީހުން ތިބި ތަނުގެ ދޮރުތައް ހަލާކު ކޮށްލުމުން ކަމަށެވެ.
ފިލައިގެން ދިޔަ މީހުން ވަނީ އިމާރާތުގައި ހުރި ތަކެތީގެ ތެރެއިން ލޭ ހޭކިފައި ހުރި ބައެއް ބެޑްޝީޓްތައް ވެސް ގެންގޮސްފައި ކަމަށް ލައިބީރިޔާގެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ.
ލައިބީރިޔާގެ އެސިސްޓެންޓް ހެލްތު މިނިސްޓަރު ޓޮލްބާޓް ނިއެންސްވާހް ވިދާޅުވެފައި ވަނީ އެބޯލާ ޖެހިފައިވާ މީހުންގެ ކަރަންޓީނުކޮށްފައިވާ ތަނުގެ ކައިރީގައި ބަޔަކު މުޒާހަރާ ކުރީ މޮންރޯވިއާގެ އެކި ހިސާބުތަކުން އެބަލި ޖެހިފައިވާ މީހުން އެއް ތަނަކަށް ގެނައުމުން އެކަމާ ދެކޮޅަށް ކަމަށެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ އެބޯލާ ބަލީގެ ވާހަކަ އަކީ ދޮގެއްކަމަށް ގަބޫލުކޮށްގެން ވެސް އެއް ބަޔަކު މުޒާހަރާ ކުރި ކަމަށެވެ.
އެބޯލާ ޖެހިފައިވާ މީހުން ފިލުމާއި އެމީހުން ބޭނުންކޮށްފައިވާ ތަކެތި ލޫޓްވައިގެން ގެންދިއުމުން ލައިބީރިޔާގައި އެބަލި ހަލުވިކަމާ އެކު ފެތުރުމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.
އޯގަސްޓް 6 ވަނަ ދުވަހާ ހަމައަށް ހުޅަނގު އެފްރިކާގެ ޤައުމުތަކުން މިބަލި ޖެހިފައިވާ 1711 މީހުން ފެނިފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 932 މީހުން ވަނީ މަރުވެފައެވެ. މިއީ 1976ގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން އެބޯލާ ބަލި ފެނުނު ފަހަރެވެ.