ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވެލެންސިއާ އަތުން 2-0 ލަނޑުން ބީޖީ ސްޕޯޓްސް ކުލަބް ބަލިވުމުން ރެލިގޭޝަނާ ކުރިމަތިލާން ޖެހުމުގެ ބިރު ބީޖީއަށް ބޮޑުވެއްޖެ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމް ބައްދަލުކުރި މެޗް ވެސް 2-1 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ވެލެންސިއާއިންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ އަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމް އޮތީ ގަދަ ހަ އެއްގެ ތެރެއަށް ވަދެފައެވެ.
ލީގުގައި ވެލެންސިއާ މިހާތަނަށް ޖުމްލަ 10 މެޗް ކުޅެފައި ވާއިރު، ތާވަލްގައި އެޓީމް އޮތީ 10 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. މެޗުން ބަލިވި ބީޖީ ވެސް 10 މެޗް މިހާތަނަށް ކުޅެފައި ވާއިރު، އެތީމް އޮތީ ފަސް ޕޮއިންޓާއެކު ލީގުގެ އެންމެ ފުލުގައެވެ. ލީގުގެ އެއް ވަނައިގައި ނިއު 27 ޕޮއިންޓާއެކު އޮތް އިރު، މާޒިޔާ އޮތީ 25 ޕޮއިންޓާއެކު ދެ ވަނަ މަގާމުގައެވެ. ލީގުގެ ތިން ވަނަ މަގާމުގައި 16 ޕޮއިންޓާއެކު އީގަލްސް އޮތްއިރު، ހަތަރު ވަނައިގައި 11 ޕޮއިންޓާއެކު އޮތީ ވިކްޓަރީ އެވެ. ލީގުގެ ހަ ވަނައިގައި މިވަގުތު 10 ޕޮއިންޓާއެކު މަހިބަދޫ އޮތް އިރު، ހަތް ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އޭވައިއެލް އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބީޖީ ކޮޅަށް ވެލެންސިއާ އިން ޖެހި ދެ ލަނޑު ވެސް މެޗުގެ ފުރަތަމަ ހާފްގައި އެޓީމަށް ޖަހައި ދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހްމަދު ނިޝާނެވެ.
މެޗަށް ފަހު ވެލެންސިއާގެ ކޯޗް މުހައްމަދު ޝާހިދު (ޝާޑް) ބުނީ، ޖުމްލަކޮށް ޓީމްގެ ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށާއި މެޗުން ލިބުނު ތިން ޕޮއިންޓަކީ މުބާރާތުގެ ގަދަ ހައެއްގައި ދެމިތިބުމަށް ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ.
"ލީގުގައި ކުރިއަށް ހުރި މެޗްތަކަކީ ވެސް މުހިންމު މެޗްތަކެއް. މިބުރުގައި ދެން ވާދަކުރަން ޖެހޭނީ ވަރުގަދަ ޓީމްތަކެއް ކަމުގައި ވިޔަސް އެ މެޗުތަކުން އެންމެ ކުޑަމިނުން ޕޮއިންޓަކުން ފުއްދާލަން ނުކުންނާނީ،" ޝާޑް ބުންޏެވެ.
ބީޖީގެ ކޯޗު މުހައްމަދު އިގުބާލް ބުނީ، މެޗަށް ނުކުތީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށާއި ނަމަވެސް މެޗުން ބަލިވުމުން ގެއްލިގެން ދިޔައީ ޓީމަށް ވަރަށް ވެސް މުހިންމު ތިން ޕޮއިންޓު ކަަމަށެވެ. އަދި މެޗުގައި ޓީމުގެ ޑިފެންޑަރުންނަށް ގިނަ މިސްޓޭކްތަކެއް ހެދުމުން މެޗުގެ ޕްރެޝަރު މުޅިޓީމަށް ކުރިމަތިވި ކަމަށް އިގުބާލު ބުންޏެވެ.
"ޑިފެންސްގައި ގިނަ މިސްޓޭކް ތަކެއް ހެދުނު. ކީޕަރުގެ ވެސް މިސްޓޭކް ތަކެއް މެޗުގައި ފެނުނު. މެޗުގެ ޕްރެޝާވެސް ކުޅުންތެރިންނަށް އެހާ ބޮޑު. ގެއްލިގެން މިދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓް. ކުޅުންތެރިން މެޗަށް ދޭން ވާވަރަށް ކޮންސަންޓުރޭޓް ނުދެ" އިގުބާލް ބުންޏެވެ.
ލީގުގައި މިރޭ 9:00ގައި ބައްދަލުކުރާ ދެ ޓީމަކީ މަހިބަދޫ އާއި އޭވައިއެލްއެވެ.