ކެރަމް ވޯލްޑްކަޕްގައި ވާދަކުރާ ދިވެހި ޓީމުގެ ސްކޮޑް އެކުލަވާލައި، ފަރިތަކުރުންތައް ފަށައިފި

ރާއްޖޭގައި ބާއްވާ ހަތަރުވަނަ ކެރަމް ވޯލްޑްކަޕްގައި ވާދަކުރާ ގައުމީ ކެރަމްޓީމުގެ ފައިނަލް ސްކޮޑް އެކުލަވާލައި، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް މިއަދު ފަށައިފި އެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގައި ހިމެނެނީ ޖުމްލަ އަށް ކުޅުންތެރިންގެ ސްކޮޑެކެވެ. އެއީ ފިރިހެން ހަތަރު ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.

މުބާރާތުގައި ވާދަކުރާ ފިރިހެން ކުޅުންތެރިންނަކީ ހަސަން ނާޒިމް އާއި އަހުމަދު ހާމިދު އާއި ޝާފީ މުހައްމަދު އަދި އަލްތާފް ވަހީދެވެ. އަދި އަންހެން ކުޅުންތެރިންނަކީ ފާތުމަތު ރަޔާން އާއި އައިޝަތު ވިޝާމާ އާއި އައިޝަތު ފައިނާޒް އަދި އާމިނަތު ނިފާޝާއެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހުކުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކަމަށެވެ.

އަންނަ މަހު 13 އިން 17 އަށް މުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު، މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާ ބައެއް ގައުމްތަކުގެ ތެރޭގައި އެމެރިކާ އާއި ކެނެޑާ އާއި އިޓަލީ އާއި ފްރާންސް އާއި ޖަރުމަނާއި ޕޮލޭންޑާއި ސްވިޒަލޭންޑާއި އިނގިރޭސިވިލާތާއި ދެކުނުު ކޮރެއާ އާއި ޖަޕާނާއި މެލޭޝިއާ އާއި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާން ހިމެނެއެވެ.

މިއީ ވޯލްޑްކަޕް މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ކެރަމް ވޯލްޑް ކަޕެއް އެންމެ ފަހުން ބާއްވާފައި ވަނީ އެމެރިކާގައެވެ. އެފަހަރުގެ މުބާރާތުގައި ދުނިޔޭގެ 19 ޓީމަކުން ވާދަކޮށްފައިވާއިރު، ރާއްޖެއިން ވަނީ މުބާރާތުގެ ތިން ވަނަ މަގާމް ހޯދައިފައެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ކުޅޭއިރު އެ މުބާރާތް ބާއްވަނީ ސަން އައިލެންޑް ރިސޯޓްގައެވެ. އަދި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު