ރެފްރީން އެދިފައިވާ ގޮތަށް ސަލާމަތީ ކަންކަން ހަމަޖައްސައި ދިނުމަށްފަހު ދިވެހި ލީގުގެ ހުއްޓިފައިވާ މެޗުތަށް އަލުން ފަށަން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިސް(އެފްއޭއެމް) އިން ބުނެފި އެވެ.
ރެފްރީންނަށް ސެކިއުރިޓީ ދޭން ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާޒިޔާ އާއި އީގަލްސް ކުޅުނު މެޗަށްފަހު، އީގަލްސްގެ ސަޕޯޓަރުން ތިބި ގޮނޑިބަރިއާ ދިމާލުން ދަނޑަށް އެރި ސަޕޯޓަރަކު މެޗުގައި ލައިސްމަނަކަށް ހުރި ޖައުފަރު ރަޝީދުގެ މޫނު މަތީގައި ޖަހައި މާރާމާރީ ހިންގި ހާދިސާއާ ގުޅިގެން އިއްޔެ ހަވީރު ވެލެންސިއާ އާއި ބީޖީ ބައްދަލު ކުރަން އޮތް މެޗަށް ރެފްރީން ދަނޑަށް ހާޒިރު ނުވުމުގެ ސަބަބުން އެ މެޗް ކެންސަލް ކުރަން ޖެހުމާ ގުޅިގެންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، ރެފްރީން ކަންބޮޑުވާ ކަންތައްތަކަކީ އެފްއޭއެމުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި ރެފްރީންގެ ސަލާމަތައް ކުރަންޖެހޭ ކަންތައްތައް ފުލުހުންނާ ގުޅިގެން މިހާރު ފަށާފައި ވާ ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ، ދިވެހި ލީގުގައި އިއްޔެ ހަވީރާއި ރޭ ކުޅެން އޮތް މެޗް ކެންސަލް ކުރި ނަމަވެސް، އެ މެޗްތައް އަލުން މިއަދު ފެށުމަށް ނިންމާފައި ވާ ކަމަށެެވެ. އަދި މެޗްތައް އަލުން ކުރިއަށް ގެންދާނީ ރެފްރީންނަށް ދޭންޖެހޭ އެންމެ މަތީ ސެކިއުރިޓީ ދިނުމަށްފަހު ކަމަށް ޖަވާ ވިދާޅުވި އެވެ.
"އަޅުގަޑުމެން މިއަދު ޕޮލިހާ ވެސް މަޝްވަރާކޮށްފިން. ކްލަބްތަކުގެ ވެރިންނާއެކު ވެސް ބައްދަލުކޮށްފިން. އިއްޔެގެ މެޗްތައް މިހާރު ކުޅުމަށް ވަނީ ހަަމަޖެހިފައި. ޝެޑިއުލް އަކަށް ވަކި ބަދަލެއް ނާންނާނެ. މިހާރު އޮތް ޝެޑިއުލާ އެެއްގޮތައް ކުރިއަށްދާނީ،" ޖަވާ ވިދާޅުވި އެވެ.
ލީގުގައި މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ އާއި ވެލެންސިއާ އެވެ. އަދި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި އޭވައިއެލް އެވެ.