އަލްބާޓޯ މޮނޭރޯ ލިވަޕޫލަށް ސޮއިކޮށްފި

ސްޕެއިންގެ ސެވިއްޔާއަށް ކުޅޭ އުމުރުން 22 އަހަރުގެ ޑިފެންޑަރު އަލްބާޓޯ މޮރޭނޯ އިނގިރޭސިވިލާތުގެ ލިވަޕޫލަށް ބަދަލުވެއްޖެ އެވެ.

އަލްބާޓޯ ލިވަޕޫލަށް، ބަދަލުވި ނަމަވެސް އެ ކްލަބަށް އޭނާ ބަދަލުވީ ކިހާވަރެއްގެ ފީއަކަށްކަން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އިނގިރޭސި ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނެފައި ވަނީ ޒުވާން ޑިފެންޑަރު ލިވަޕޫލަށް ބަދަލުވެފައި ވަނީ 12 މިލިއަން ޔޫރޯގެ އަގަކަށް ކަމަށެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު އިނގިރޭސި މިޑީއާތަކަށް އަލްބާޓޯ އިއްޔެ ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ، ލިވަޕޫލަކީ މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ވަރުގަދަ އެއް ކުލަބް ކަމަށާއި އެ ކްލަބަށް ކާމިޔާބު ހޯދައި ދިނުމަށް ވަރަށް މަސައްކަތް ކުރާނެ ކަަމަށެވެ.

"އަހަރެން މިހުރީ ލިވަޕޫލަށް ކާމިޔާބު ހޯދައިދިނުމަށް ތައްޔާރަށް. ލިވަޕޫލަކީ މޮޅު ޓީމެއް. އެ ޓީމުގައި އަހަރެންގެ ގާތް ރަހުމަތްތެރިން އެބަތިބި. އެ މީހުންނާއެކު ލިވަޕޫލަށް އަހަރެން ކާމިޔާބު ހޯދައިދޭނަން،" އަލްބާޓޯ ބުންޏެވެ.

އަލްބާޓޯ އަކީ މި ހޫނު މޫސުމުގައި ލިވަޕޫލަށް ސޮއިކުރި އަށް ވަނަ ކުޅުންތެރިޔާ އެވެ. ސެވިއްޔާގެ ޔޫތު އެކަޑަމީން ތަމްރީންވި އަލްބާޓޯ ވަނީ ސްޕެއިން ގައުމީ ޓީމަށް ވެސް ތިން މެޗު ކުޅެދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު