ކްރިސްޓަލް ޕެލަސްއިން މެޗުގެ 35 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ލީޑް ނަގައިފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލައުރެންޓް ކޮޝެލްނީ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށް މެޗު ފަހު ވަގުތުގައި ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީ ޖަހައިދިން ލަނޑާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން 2-1 ލަނޑުން އެޓީމް މޮޅުވެއްޖެ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ދަނޑަށް ވަދެތިބި އާސެނަލްގެ ސަޕޯޓަރުން ސިއްސުވާލީ މެޗުގެ 35 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސްއިން ލަނޑު ޖަހައި ލީޑް ނެގުމުންނެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ އުމުރުން 33 އަހަރުގެ ނޯވޭގެ ޑިފެންޑަރު ބީ ހެންގްލޭންޑް އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ކްރިސްޓަލް ޕެލަސްއިން ލީޑް ނެގި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްއިން ވަނީ ލަނޑެއް ޖަހައި، އެޓީމުގެ ސަޕޯޓަރުންގެ ހިތް ތަކަށް ފިނިކަމެއް ގެނެސް ދީފައެވެ. އެ ލަނޑު އާސެނަލްއަށް ޖަހައި ދިނީ އެޓީމަށް ކުޅޭ ފްރާންސް ޑިފެންޑަރު ލައުރެންޓް ކޮޝެލްނީ އެވެ.
ފުރަތަމަ ހާފާ އަޅާ ބަލާއިރު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރުގަދަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކުރަން މަސައްކަތްކުރަމުން ދިޔަ މަންޒަރެވެ. މެޗުގެ 89 މިނެޓު ރެފްރީ ވަނީ ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު ޕަންޗެންއަށް ދެވަނަ ރީދޫ ކާޑާއެކީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ އިތުރަށް ދެއްކި ފަސް މިނެޓުގެ ތެރޭގައި ވޭލްސްގެ ހުނަރުވެރި މިޑްފީލްޑަރު ރަމްސީ ލަނޑު ޖަހައި އާސެނަލްއަށް މި މުބާރާތުގައި ފުރަތަމަ ތިން ޕޮއިންޓް ކަށަވަރު ކޮށްދިނުމެވެ. އެވަގުތު ދަނޑަށް ވަދެތިބި އާސެނަލްގެ އެތައް ހާސް ސަޕޯޓަރުން އަޑުން މުޅި ދަނޑު ގުގުމާލިއެވެ.
ޕްރިމިއާ ލީގްގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ޓޮޓެންހަމް ވަނީ 1-0 ލަނޑު ވެސްޓް ހާމްގެ މައްޗަށް ކުރި ހޯދައިފައެވެ. ހަލް ސިޓީ ކިއުޕީއާރު އަތުން 1-0 ލަނޑުން މެޗް ކާމިޔާބު ކުރިއިރު ވެސްޓް ބްރޮމް އާއި ސަންޑަލޭންޑް ބައްދަލުކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. އަދި އެވަޓަން އާއި ލެކެސްޓާ ސިޓީ ބައްދަލުކުރި މެޗް ވެސް ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.