ބީއެމްއެލް ދެވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގައި ރައިޒެސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ދިވެހި ސިފައިންގެ ކުލަބް މިރޭ ކުޅުނު މެޗު ވެސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
ހެންވޭރު ޕީކޭ ދަނޑުގައި މިރޭ ކުޅުނު މެޗް ސިފައިން ކާމިޔާބު ކުރީ 12-5 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ކުލަބުގެ އަހުމަދު ނަޖީބެވެ.
ހޭންޑް ބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ތިން ޓީމެއް ބައިވެރިވެފައިވާ އިރު، ސިފައިންގެ ކުލަބް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިއްޔެ ރޭ މޮޅުވީ ޔޫތު ސްޕޯޓްސް ކްލަބާ ވާދަކޮށް 19-9 ލަނޑުންނެވެ.
މުބާރާތުގައި މާދަމާ ރޭ 8:30 ގައި ބައްދަލުކުރާނީ ޔޫތު ސްޕޯޓްސް ކްލަބާއި ރައިޒެސް ސްޕޯޓްސް ކްލަބެވެ. ހަތް ދުވަހުގެ މުއްދަތައް ޕީކޭ ދަނޑުގައި ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އޭޝިއަން ގޭމްސްގައި ބޭނުންކުރާ ބޯޅައިންނެވެ.
މި މުބާރާތް ކުރިއަށްދަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަންއެވެ. ކޮންމެ ޑިވިޝަނެއްގައި ހިމެނޭ ކޮންމެ ޓީމެއް ދެ މެޗު ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.