ކްރިކެޓު ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ އިންޓާ ސްކޫލް ކްރިކެޓް ލީގްގެ ކުޅުން މާދަމާ ފަށާނެ ކަމަށް އެ ބޯޑުން ބުނެފި އެވެ.
ކްރިކެޓު ބޯޑުން ބުނީ މާދަމާ ފުރަތަމަ ކުޅޭނީ ގާލްސް ކްރިކެޓް ރިހާސަލް މެޗެއް ކަމަށާއި އެމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހެދުނު 7:00ގައި ކަމަށެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްރިކެޓް ބޯޑުގެ ވައިޑީޕީގައި ހިމެނޭ ކުދިން ކަމަށް ވެސް އެ ބޯޑުން ބުންޏެވެ.
މާދަމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މެޗްތަކުގައި ކުޅުމަށް ހަމަޖެހިފައިވަނީ 11 އަހަރުން ދަށުގެ އުމުރުފުރައާއި 13 އަހަރުން ދަށުގެ އުމުރުފުރައެވެ. 11 އަހަރުން ދަށު އުމުރުފުރާގެ ކުޅުން ކުރިއަށް ދާނީ ހެނދުނު 7:30 އިން ފެށިގެން 9:00 އަށެވެ. އަދި މެންދުރުފަހު ކުޅޭނީ 13 އަހަރުން ދަށުގެ އުމުރުފުރާއެވެ. މެންދިރުފަހުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 2:30 ގަ އެވެ.
މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މުހްޔުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ. މެޗް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.
މުހްޔުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލްގެ އިތުރުން އެ މުބާރާތުގައި ބައިވެރިވެފައި ވަނީ ޖަމާލުއްދީން ސްކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ.