އެސްއީޒެޑްގެ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމުގެ ޖާގައެއް ނުދޭނަން: އެމްޑީޕީ

ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމުގެ ޖާގަ ނުދޭނެ ކަަމަށް އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

އިގްތިސާދީ ކޮމެޓީގައި އިކޮނޮމިކް ޒޯންގެ ބިލްގެ މަސައްކަތް ކުރިއަށްދާ ގޮތާއި ދޭތެރޭ ހިތްހަމަނުޖެހިގެން އެމްޑީޕީން ކުރިއަށް ގެންދާ ނިންމާފައިވާ އިޙްތިޖާޖާއި ބެހޭގޮތުން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު މިހާރު އޮތްގޮތަށް ޤާނޫނަކަށް ވެއްޖެނަމަ އެކަމަކީ ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެއަށް ނުރައްކާތެރި އެތައް ދޮރުތަކެއް ހުޅުވިގެންދާނޭ ކަމެއް ކަަމަށެވެ. އަދި އެ ބިލް މިހާރު އޮތް ގޮތަށް ފާސްވެ ގާނޫނަކަށް ވެގެން ހިގައްޖެނަމަ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދޭނެ ކަަމަށް އިންތި ވިދާޅުވި އެވެ. އެހެން ކަމުން ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެ ބިލް ފާސްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އިންތި ވިދާޅުވި އެވެ.

"ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލު މިހާރު އޮތް ގޮތަށް ޤާނޫނަކަށް ވެއްޖެނަމަ އެކަމަކީ ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެއަށް ނުރައްކާތެރި އެތައް ދޮރުތަކެއް ހުޅުވިގެންދާނޭ ކަމެއް. ބިލް މިހާރު އޮތް ގޮތަށް ފާސްވެ ގާނޫނަކަށް ވެގެން ހިގައްޖެނަމަ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެގެންދޭނެ. ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްގެ ތަކުގެ ބާރު ކެނޑި ގައުމުގެ އަމަން އަމާންކަން ގެއްލިގެން ހިނގައިދާނެ. އެހެންވީމަ އަޅުގަނޑުމެން އެމްޑީޕީން ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެ ބިލް ފާސްކުރުމުގެ ޖާގަެއްނުދޭނަން،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އެސްއީޒެޑްގެ ބިލަށް ސަރުކާރުގެ ކަމާ ގުޅޫ އެހެން މުއައްސަސާތަކުން ވަރަށް ގިނަ ރިކޮމެންޑޭޝަންތަކެއް ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުހިންގާ ޕީޕީއެމްގެ އަގްލަބީއްޔަތު އޮންނަ އިގްތިސާދީ ކޮމެޓީގައި އެއިން އެއް ވެސް ކަމަކަށް ނުބައްލަވާ ކަމަށް އިންތި ވިދާޅުވި އެވެ. އަދި ކޮމެޓީ ކުރިއަށް ގެންދަނީ ކޮމެޓީގެ ގަވާއިދާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަށް ތާއިދު ނުކުރައްވާކަން ފާހަނގަ ކުރައްވަމުން އިންތި ވިދާޅުވީ ކޮމެޓީން ނިންމާފައި ވަނީ އެ ބިލް ދިރާސާ ކުރަމުންދާއިރު ކަމާގުޅޭ މުއްސަސާތަކުގެ އިސްވެރިންނާއި ބިލާއި ގުޅުންހުރި ދާއިރާތަކުގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކޮށް އެ ބޭފުޅުންގެ މަޝްވަރާ ވެސް ހޯދުމަށް ކަމަށެވެ. ނަމަވެސް ކޮމެޓީން އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ހަދައިގެން އެ ސަރަހައްދުތަކަށް ފައިސާ ވަންނަ ގޮތާއި އެ ސަރަހައްދުތަކުން ޓެކްސް ނުނެގޭ ގޮތަށް ނުވަތަ ޓެކްސް މަޢާފު ކޮށްދޭ ގޮތަށް އޮތުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެގޮތުން އިންތި ވިދާޅުވީ އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ހަދައިގެން އެތަންތަނަށް ފައިސާ ވަންނަ ގޮތެއް ނުބެލޭނަމަ އެކަމުގެ ސަބަބުން ރާއްޖޭގައި ފައިސާގެ ކަޅު ބާޒާރެއް އުފެދިގެންދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ އިންސާނީ ބޮޑެތި ޖަރީމާތައް ހިނގުމަކީ ވެސް ދުރުގައިވާ ކަމެއް ނޫން ކަަމަށް އިންތި ވިދާޅުވި އެވެ.

އެހެން ކަމުން ބިލްގައިވާ އެފަދަ ކަންތައްތައް އިސްލާޙް ނުކުރާހާ ހިނދަކު އިޙްތިޖާން ކުރިއަށް ގެންދާނެ ކަމަށް އިންތި ވިދޅުވި އެވެ.

"މި ބިލުގެ ޤާނޫނަކަށް ވެއްޖެނަމަ ކަނޑައެޅޭ ޒޯންތަކުގައި ތަރައްޤީކޮށް ހިންގާ ކަންތައްތަކުގައި ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އެބައޮވޭ. ކުދި. ހަމައެއާއެކު، ކަޅު ފައިސާ ދޮވުމާއި ޑްރަގް ޓްރެފިކް ކުރުމާއި އިންސާނުން ވަގަށް އެތެރެކުރުން ފަދަ ނުރައްކާތެރި ބޮޑެތި ކުށްތަކުގެ އަމަލުތައް ހިންގުމުގެ ފުރުސަތު އެ ބިލު ޤާނޫނަކަށް ވުމުގެ ސަބަބުން ބޮޑުވެގެންދާނެ،" އިންތި ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު