19:00
ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރުގެ މައްޗަށް ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ކުރައްވާ އަބުރުގެ ދައުވާ އަނބުރާ ގެންދެވުމަށް ނިންމަވާފައި ވަނީ އެ މައްސަލަ ސާބިތުނުކުރެއްވޭނެކަން ޑރ. ޝަހީދަށް ޔަގީންވުމުން ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ޑރ. އަހްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމަށް އުމަރު ވިދާޅުވެފައިވާތީ، އޭނާއާ ދެކޮޅަށް ޑރ. ޝަހީދު ކުރައްވާ އަބުރުގެ ދައުވާ އަނބުރާ ގެނައުމަށް ލޯޔަރު މިއަދު ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ދުވަހު ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޑރ. ޝަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. ދައުވާ އަނބުރާ ގެނައުމުގެ އެންމެ ބޮޑު ސަބަބަކީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އުމަރު އިންތިހާބުވެވަޑައިގެންފައިވާތީ ކަމަށް ޑރ. ޝަހީދާ ހަވާލާދެއްވާ އެ ނޫހުގައި އިތުރަށް ވަނީ ބުނެފަ އެވެ.
ނަމަވެސް، ޑރ. ޝަހީދާއި އޭނާގެ ވަކީލުގެ ފޯނަށް ޖަވާބުނުދެއްވާތީ މި މައްސަލާގައި އެބޭފުޅުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި އުމަރާ ދެކޮޅަށް ކުރައްވާ އަބުރުގެ ދައުވާ މިއަދު އަނބުރާ ގެންގޮސްފައިވާކަން ވަނީ ކަށަވަރު ނުކުރެވިފަ އެވެ.
މި މައްސަލާގައި ކުރީގެ އައިޑީޕީގެ ރައީސް އަދި މިހާރު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ނައިބު ލީޑަރު އުމަރު ވިދާޅުވީ، އޭނާގެ މައްޗަށް ޑރ. ޝަހީދު ކުރެއްވި އަބުރުގެ ދައުވާ ގެންދެވުމަށް ޑރ. ޝަހީދު ނިންމަވާފައިވަނީ އެ މައްސަލަ ސާބިތުކުރެއްވޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ. އުމަރު ވިދާޅުވީ، ޑރ. ޝަހީދު މި މައްސަލަ އަނބުރާ ގެންދަވަނީ ކޮންމެހެން އޭނާ ސިޔާސީ ބޭފުޅަކަށްވުމުން ނޫން ކަމަށާއި އަދި ބޮޑު ސިޔާސީ ޕާޓީގެ އިސް މަގާމަކަށް އިންތިހާބުވެވަޑައިގެންނެވުމުގެ ސަބަބުން ވެސް ނޫން ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި، ޑރ. ޝަހީދު އެގޮތަށް ނިންމެވީ، އެ ދައުވާ ކުރެއްވުމުގެ ސަބަބުން އުމަރު ނަސީރު ފަހަތަށް ވެސް ޖެހިވަޑައިނުގަންނަވާނެކަމާއި މައިދާން ދޫކުރައްވާ ވަޑައިނުގަންނަވާނެކަން މިހާރު ޑރ.ޝަހީދަށް ޔަގީންވުމުން ކަމަށެވެ.