އިސްރާއީލުގެ އުދުވާނުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުނަށް އެހީތެރިވުމަށް ދިވެހި މީޑިއާތަކުން އިސް ނަގައިގެން ހިންގަމުންދާ ހެލްޕް ގަޒާ ޓެލްތޯން ފަންޑަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ސިފައިންގެ ފަރާތުން ގާޒާ ފަންޑަށް ހަދިޔާކުރި އެއް މިލިއަން ރުފިޔާ "ހެލްޕް ގާޒާ" ފަންޑުގެ ސްޓިއަރިން ކޮމެޓީއާ ހަވާލުކުރުން އޮތީ މިރޭ 11:00 ގައި ޓީވީއެމް ސްޓޫޑިއޯ ވަންގައެވެ.
އެމްއެންޑީއެފްގެ ފަރާތުން އެ ފައިސާ "ހެލްޕް ގާޒާ" ފަންޑަށް ހަވާލްކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ.
އެމްއެންޑީއެފްއިން ދެއްވި އެއް މިލިއަން ރުފިޔާއާއި ޓެލެތޯން ސްޓިއަރިން ކޮމެޓީން ހަވާލުވުމަށްފަހު، އެ ކޮމެޓީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު އެމްއެންޑީއެފްއަށް ޝުކުރު އަދާކުރެއްވި އެވެ.
ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާކުރި އިރު، މިރޭގެ ވަގުތެއްގައި ރައީސް ޔާމީނާއި ނައިބު ރައީސް ޑރ. ޖަމީލުގެ އެއް މަސް ދުވަހުގެ މުސާރަ ވަނީ ޣައްޒާ ފަންޑަށް ހަދިޔާ ކުރައްވައިފަ އެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން ވެސް ވަނީ ޣައްޒާ ފަންޑަށް ގިނަ އަދަދެއްގެ ފައިސާގެ އެހީތެރިކަމެއް ދެއްވައިފަ އެވެ.
އިއްޔެ މެންދުރު ފަހު 2:30 އިން ފެށިގެން މިރޭ 12:00 އަށް ކުރިއަށްގެންދާ މީޑިއާ ކެމްޕޭނަށް މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.