ދައުރު ހަމަވާތީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ދައުރު ހަމަވާތީ، އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފި އެވެ.

އޭސީސީއަށް ރައްޔިތުންގެ މަޖިލީހުން މިހާރު ހޮއްވަވާފައިވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

އޭސީސީގެ މެންބަރު ކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް އޭސީސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައި ވުމާއި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އޭސީސީގެ ގާނޫނުގައިވެ އެވެ.

އޭސީސީގެ މެމްބަރު ކުރިމަތިލާމީހަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށް އޭސީސީގެ ގާނޫނުގައި ބުނެފައިވެ އެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ރައީސް އޮފީހުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު