ތުޅާދޫގައި ކަރަންޓް ބިލް ނުދައްކާ ގެތަކަށް ކަރަންޓް ދިނުމަށް އަމުރުކޮށްފި

ބ. ތުޅާދޫގައި ބިލު ނުދައްކާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ގެތަކަށް ކަރަންޓް ދިނުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ތުޅާދޫ އިންޖީނުގޭގެ އޮފިޝަަލަކު ވިދާޅުވީ އެރަށުގައި ތިބި 512 ކަސްޓަމަރުންގެ ތެރެއިން 13 ގެއަކުން އެއްގޮތަކަށް ވެސް ކަރަންޓު ބިލަށް ފައިސާ ނުދައްކާތާ ދެ އަހަރާއި ހަ މަސްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ގެއަކަށް ރީޑިން ނެގުމަށާއި އަދި އެހެނިހެން ކަންކަމަ ގުޅިގެން ނުވަދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގެތަކުން ކަރަންޓް ބިލު ނުދައްކަނީ ރައްޔިތުން ހިނގަމުންދިޔަ އިންޖީނުގެ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުތެރޭ އޭރުގެ ޔުޓިލިޓީސް ކުންފުންޏާ ހަވާލު ކޮށްފައި ވަނީ ރައްޔިތުންނަށް ދޭންޖެހޭ ބަދަލު ނުދީ ކަމަށް ބުނެ އެވެ. އަދި އެ މައްސަލަ މިހާރު އޮތީ އެ ރަށު ކޯޓުގަ އެވެ.

އޮފިޝަލް ވިދާޅުވީ ޖޫން މަހުގެ 25 ވަނަ ދުވަހު ކަރަންޓް ކަނޑާލީ އެއްގޮތަށް ވެސް އިންޖީނުގޭގެ މުވައްޒަފަކަށް ވަނުމުގެ ހުއްދަ ނޯންނަ ދެ ގެއިން ކަމަށެވެ. ނަމަވެސް ކޯޓުން އިއްޔެ ވަނީ އެ ދެ ގެއަށް ވަގުތީ ގޮތުން ކަރަންޓް ދިނުމަށް އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އެ ދެ ގެއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޖީނުގޭގެ އެއްވެސް މީހަކަށް ނުވަދެވޭ ދެ ގެއިން ކަނޑާލީ ކަރަންޓް. އެގެއިން ކަރަންޓް ބޭނުން ކުރަނީ ކިހިނެތްކަން ނޭންގޭތީ އަޅުގަނޑުމެން އެގޮތަށް ނިންމީ،" ތުޅާދޫ އިންޖީނުގޭގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ ގެއިން ކަރަންޓު ކަނޑާލި މައްސަލަ ތުޅާދޫ ކޯޓުން މިހާރު އަންނަނީ ބަލަމުންނެވެ.

ތުޅާދޫ ފަނާރުގޭ ހުސައިން ހަސަން ބުނީ ކަރަންޓްގެ ކަމަކާ ގުޅިގެން އެގެއަށް ވަނުން މަނާކޮށްފައިވާ ކަމަށާއި ކަރަންޓް ބިލު ނުދައްކަނީ ލިބެންޖެހޭ ބަދަލު ދިނުމާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ވެއްދި މައްސަލަ ވަކި ގޮތަކަށް ނުނިމި ރައްޔިތުންގެ އަތުން އިންޖީނުގެއަށް ދިޔަ ޚަރަދުގެ ބަދަލު ލިބިފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން މިރަށުގައި [ތުޅާދޫ] ގައި ކަރަންޓްލީ ކޯރުކޮނެގެން ބޮޑު ހަރަދުކޮށްގެން. އިންޖީނުގެ ހިންގީ މަހަށްގޮސް ލިބޭ ލާރިން. ޔުޓިލިޓީސް އާ ހަވާލު ކުރުމުން ބަދަލު ހޯދަން ކޯޓަށް ވެއްދި މައްސަލަ އަދި ވެސް ނުނިމޭ،" ހުސައިން ހަސަން ބުންޏެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް އަދުލުވެރި ބަދަލެއް ހޯދައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ބައެއް ގެތަކުން ކަރަންޓު ބިލު ދައްކަމުން ނުދާއިރު، އެރަށުގެ ހުރިހާ ގެއަކުން ވެސް ބިލު ދެއްކުން ހުއްޓާލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވެއްޖެނަމަ އިންޖީނުގެ ހިންގާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު