ޖޭއެސްސީ އަށް އައްޔަން ކުރަން ފާސްވާ މިންވަރަށް ހަންނާނަށް މާކްސް ލިބިވަޑައިގެންފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ގާނޫނީ ވަކީލް ގ. އަސްމަހި، އަބްދުލް ހަންނާނު އަހުމަދަށް އެ ކޮމިޝަނަށް އައްޔަން ކުރުމަށް ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގެންފި އެވެ.

ހަންނާނަކީ މަދަނީ މައްސަލަތަކުގައި އާންމުކޮށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ އެވެ. ދުސްތޫރީ ބައެއް ބޮޑެތި މައްސަލަތަކުގައި ވެސް އޭނާ ކޯޓަށް ވަޑައިގެންފައިވެ އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އޭނާއާ އިންޓަވިއުކުރެއްވުމަށްފަހު ދެއްވާފައި ވަނީ 80.4 ޕަސެންޓް މާކުހެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލާފައިވާ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މާކްސް ދިނުމުގައި ބަލާފައިވާ ވާނީ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށް ކަމަށެވެ.

ކޮމިޝަނުގައި އިންނެވުމަށް ގާބިލް ކަމަށް ބެލެވޭނީ 75 ޕަސެންޓަށް ވުރެ ގިނައިން މާކްސް ލިބޭ ބޭފުޅަކަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ހަތް ދިހަ ފަހެއް އިންސައްތަ އަށް ވުރެ ގިނަ މާކްސް ލިބިވަޑައިގެންނެވި ހަމައެކަނި ފަރާތަކީ ގ. އަލިމަސް، އަބްދުލްހަންނާނު އަހުމަދު،" އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ޖޭއެސްސީ އަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކޮށް އެކުލަވާލި ރިޕޯޓުގެ މައްޗަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން އެކަމަށް ގޮތެއް ފާސް ކުރުމަށް އެދި ހުށަހަޅާ ކަމަށެވެ.

ހަންނާނުގެ އިތުރުން ޖޭއެސްސީއަށް ކުރިމަތިލާފައި މީހުންނަކީ ފ. ނިލަންދޫ ބިއްދޮށުގޭ، އިބްރާހިމް އަހުމަދާއި ރ. ހުޅުދުއްފާރު ނާރެސް، ޒޫނާ އަހުމަދާއި މާލޭ ހިޔާ (2-1503) ހުޝާމް ވަހީދެވެ.

އޭގެ ތެރެއިން އިބްރާހިމް އަހުމަދަށް ލިބުނީ 62 ޕަސެންޓް މާކުހެވެ. އަދި ޒޫނާ އަހުމަދަށް 59 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވިއިރު، ހުޝާމް ވަހީދަށް ލިބިވަޑައިގެންނެވީ 59 ޕަސެންޓް މާކުހެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު