އެންވިޑިއާ ޝީލްޑް: މިހާތަނަށް ނެރުނު އެންމެ ބާރުގަދަ ގޭމިން ޓެބްލެޓް

މިހާތަނަށްނެރިފައިވާ އެންމެ ބާދުގަދަ މޮބައިލް ޕްރޮސެސަރ އާ އެކު އެންވިޑިއާ ގެ އައު ގޭމިން ޑިވައިސް ކަމަށްވާ ޝީލްޑް ޓެބްލެޓް އިއުލާނުކޮށްފި އެވެ.

މި ޓެބްލެޓް އިއުލާނުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ވަޔަލަސް ކޮންޓްރޯލަރ އަކާ އެކު ލިބޭ މި ޓެބްލެޓްގައި 8 އިންޗީގެ 1920 / 1080 ރެޒޮލޫޝަންގެ ސްކްރީންއެއް ހުރެއެވެ.

ޝީލްޑް ޓެބްލެޓްގައި އެންޑްރޮއިޑް ގޭމްތައް ކުޅެވޭއިރު، މިގެ އެންމެ ހާއްސަ އެއް ކަމަކީ ކޮމްޕިއުޓަރުގައި ހުންނަ ގޭމްތައް ވައިފައި އަދި 4ޖީ މެދުވެރިކޮށް ޓެބްލެޓަށް ސްޓްރީމްކޮށްގެން ކުޅެވޭ ކަމެވެ. މި ޓެބްލެޓް ވިއްކަނީ “ޓްރައިން 2: ކޮމްޕްލީޓް ސްޓޯރީ” ގެ ފްރީ ކޮޕީއަކާ ވެސް އެކުގައެވެ.

މިހާތަނަށް ބާޒާރަށް ނެރުނު އެންމެ ބާރުގަދަ މޮބައިލް ޕްރޮސެސަރ ކަމަށް އެންވިޑިއާ އިން ބުނާ ޕްރޮސެސަރ އަކީ ޓެގްރާ ކޭ1 އަށް މައުންޓްކޮށްފައިވާ 192 ކޯ ޖީޕީޔޫގެ ޕްރޮސެސަރއެކެވެ. އަދި ކޮމްޕިއުޓަރުން ގޭމް ސްޓްރީމް ކުރާ ނަމަ ޓެބްލެޓުން ބޭނުންކުރާނީ ކޮމްޕިއުޓަރުގެ ގްރެފިކްސް ކާޑުކަމަށްވެސް އެންވިޑިއާ އިން ވަނީ ބުނެފައެވެ. މީގެ ސަބަބުން ގޭމުގެ ކޮލިޓީ އިތުރަށް ފުރިހަމަވާނެއެވެ.

މި ޓެބްލެޓް ބާޒާރަށް ނެރޭނީ ވައިފައި އަދި ވައިފައި-އެލްޓީއީ ކަނެކްޓިވިޓީއާ އެކު 16 ނުވަތަ 32 ޖީބީގެ ސްޕެސިފިކޭޝަންއާ އެކުއެވެ. އަދި 128 ޖީބީ ގެ އެކްސްޓާނަލް ސްޓޯރޭޖް ސަޕޯޓް މި ޓެބްލެޓްގައި ހުންނާނެއެވެ. އެންޑްރޮއިޑް 4.4.3 އަޅާފައި ނެރޭ މި ޓެބްލެޓްގެ ބެޓަރީ 3 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދުގެ ވަގުތަކު ހުއްޓާނުލައި ގޭމު ކުޅެވޭވަރަށް ހިފަހައްޓާނެއެވެ.

ޝީލްޑް ޓެބްލެޓް ގަންނަ އިރު ވަޔަލަސް ކޮންޓްރޯލާރ އެއް ވެސް ލިބޭނެއެވެ. މި ކޮންޓްރޯލަރ ޓެބްލެޓްއާ އާ ގުޅާލަނީ ލޯ ލޭޓަންސީ ވައިފައި ކަނެކްޓިވިޓީ ބޭނުންކޮށްގެން ކަމަށް އެންވިޑިއާ އިން ވަނީ ބުނެފައެވެ. މީގެ ސަބަބުން ކޮންޓްރޯލަރ ބޭނުންކޮށްގެން ގޭމު ކުޅޭއިރު ކޮންޓްރޯލަރ އާއި ޓެބްލެޓްއާ މެދު އެއްވެސް ޑިލޭއެއް ނުހުންނާނެ ކަމަށް އެންވިޑިއާ އިން ވަނީ ބުނެފައެވެ.

އެމެރިކާގައި އެންވިޑިއާ ޝީލްޑް ޓެބްލެޓްގެ 16 ޖީބީ ވާރޝަން ވިއްކަން ފަށާފައިވަނި 299 އެމެރިކާ ޑޮލަރު (4600 ރުފިޔާ) އަށް، މި ހިނގާ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ތަންތަނުގައި ޓެބްލެޓް ބަހައްޓާލެވޭގޮތަށް ފަރުމާކޮށްފައިވާ ކަވަރުތަކެއްވެސް އެންވިޑިއާ އިން ވަނީ ތައާރަފްކޮށްފައެވެ.

އެންވިޑިއާއިން މިދިޔަ އަހަރު ޖުލައި މަހު ފަހުކޮޅު ތައާރަފްކުރި ޝީލްޑް ހޭންޑްހެލްޑް ގޭމިން ކޮންސޯލް އަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. ނަމަވެސް އެނދުމަތީގައި ނުވަތަ ސޯފާގައި އިނދެ ގޭމް ކުޅެލުމުގެ ފަސޭހަކަން ހޭންޑްހެލްޑް ކޮންސޯލް އިން ލިބުނުއިރު، އެންވިޑިއާގެ އައު ޝީލްޑް ޓެބްލެޓް ބޭނުން ޕޮޒިޝަނެއްގައި އިންދެ ބޭނުންކުރެވިދާނެކަމާ މެދު ނޫސްތަކުން ދަނީ ސުވާލުކުރަމުންނެވެ.

ނަމަވެސް މިހާތަނަށް ނެރުނު އެންމެ ބާރުގަދަ މޮބައިލް ޕްރޮސެސަރ އެކުލެވިގެންވާ މި ޓެބްލެޓްއަށް ޝައުގުވެރިވާ ބަޔަކު އުޅޭނެކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު