ސެމްސަންގް ނޯޓް 4 ނުކުންނާނީ ޔޫވީ ސެންސަރއަކާ އެކު: ސެމްމޮބައިލް

އިރުގެ އައްޔަށް ނުކުތުމުން ހަންގަނޑަށް އަސަރުކުރާ މިންވަރު އަންގައިދޭ އަލްޓްރާ ވަޔަލެޓް (ޔޫވީ) ސެންސަރ އެއް މިއަހަރު ނިކުނަ ސެމްސަންގް ގެލެކްސީ ނޯޓް 4 ގައި ހުންނާނެ ކަމަށް ސެމްސަންގްގެ ހަބަރުތަކަށް ހާއްސަ ނޫހެއް ކަމަށްވާ ސެމްމޮބައިލް އިން ބުނެފިއެވެ.

މޮބައިލްފޯނު ތަކަށް އަލަށް ތައާރަފްކުރެވޭ މިއަލްޓްރާ ވަޔަލެޓް ސެންސަރ ގެ އެހީގައި އިރުން ފޮނުވާ ދޯދިތަކުގައި އަލްޓްރާ ވަޔަލެޓް ހުރި ވަރު އަނދާޒާކޮށް، އޭގެން ހަންގަނޑަށް އަސަރުކުރާނޭ މިންވަރު ފޯނަށް އަޅާފައި ހުންނަ “ސެމްސަންގް ހެލްތް” އެޕްލިކޭޝަން އިން ދައްކާދޭނޭކަމަށް ސެމްމޮބައިލް އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ވެއެވެ.

އިރުގެ އަލި އެޅުމުން އިންސާނާގެ ހަންގަނޑު އަނދަނީ އަލްޓްރާ ވަޔަލެޓް އަލީގެ ސަބަބުންނެވެ. ލޮލަށް ނުފެންނަ މި އަލި ގިނަގިނައިން ހަނގަނޑަށް އެޅުމަކީ ހަމުގެ ކެންސަރަށް މަގުފަހަހިވާކަމެއް ކަމަށް ސައިންސްވެރިން ވަނީ ސާބިތުކޮށްދީފައެވެ. އަދި އަލްޓްރާ ވަޔަލެޓް އައްޔަކީ ހަންގަނޑު މުސްކުޅިވުމަށް ނުވަތަ “ޑަރމަޓޯހީލިއޯސިސް” އަށް މަގުފަހިވާކަމެއް ކަމަށްވެސް ވަނީ ސާބިތުވެފައެވެ.

ސެމްސަންގް ނޯޓް 4 ގައި ހުންނަ ސެންސަރ އިން އަލްޓްރާ ވަޔަލެޓް އަލި ހުރި މިންވަރު ދައްކައިދޭނީ ފޯނުގެ ފަހަތުގައި ހަރުކޮށްފައި ހުންނަ ސެންސަރ އިރާ ދިމާލަށް، 60 ޑިގްރީ އޭންގަލް އަށް ވާގޮތަށް ދިއްކޮށްލުމުންނެވެ.

ސެމްސަންގް ގެ އައު ފޯނު އާއްމުކޮށް ދައްކާލަނީ އަހަރަކު އެއްފަހަރު ޖަރުމަނުގެ ބާރލިންގައި ބާއްވާ އައިއެފްއޭ ކޮންފަރަންސްގައި އޮންނަ އަންބޮކޮސިންގ ހަފްލާއެއްގައެވެ. ސެޕްޓެމްބަރ ފަސް ވަނަ ދުވަހަށް ތާވަލުކޮށްފައިވާ މި ހަފްލާފައި ސެމްސަންގް ގެ އައު ފްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 4 ދައްކާލާނެކަމަށް ވަނީ ބެލެވިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު