19:00
މިދިޔަ ޖެނުއަރީ މަހު ޑީއާރުޕީގެ ގިނަ އަދަދެއްގެ ބަޔަކު މުލީއާގޭ ދޮށަށް އެއްވުމުގައި ފުލުހުން އެހީތެރިވެދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި ޑިއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވި، ކަމަށް ބުނެ އެ މައްސަލަ ފުލުސް އޮފީހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާފައިވާނީ ގަވާއިދާ ހިލާފް ތަނަކަށް އެއްވުމަށް ފުލުހުން އެހީތެރިވެދިން ކަމަށް އަލީ ވަހީދު ވިދާޅުވެފައިވާތީ ކަމަށެވެ. މީގެއިތުރުން އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި އެމްޑީޕީއާ ޑީއާރުޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހްޤީޤަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެކިއެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ބައެއް އާއްމު ފަރާތްތައް ވެސް ފުލުހުންގެ އިދާރާ އަށް އިއްޔެ ހާޒިރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިޔާ އޮފިޝަލް ނުދެއްވަ އެވެ.
މީގެ އިތުރުން ހަމަ އެ ރޭ އަލީ ވަހީދާއި އިތުރު ބަޔަކު ސިފައިންގެ ގޭޓް ކައިރިއަށް ގޮސް ގޭޓް ތެޅުވި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މިކަމާ ގުޅިގެން އަލީ ވަހީދު މިއަދު ވިދާޅުވީ އެކަމަކީ ސަރުކާރުން ކުރިއަށްގެންދާ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނަވަނީ އޭނާ ކަމުގައި ވަތީ، އެކަންތައްތައް ހުއްޓުވައި، އޭނާ ބަލިކޮށްލެއްވުމަށް ސަރުކާރުން ރާވައިގެން ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް ޤައުމީ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއް ކުރުމުގައި ފަސްޖެހިވަޑައިނުގެންނަވާނެ ކަމަށާއި އަދި އެމައްސަލާގެ ދިފާއުގައި ވާހަކަދެއްކެވުމަށް އޭނާގެ ޤާނޫނީ ޓީމް ތައްޔާރަށް އޮތް ކަމަށެވެ.