އައު ކުރިއެރުން ތަކަކާ އެކު އަސިމޯ ރޮބޮޓް ދައްކާލައިފި

ޖަޕާނުގެ ހޮންޑާ ކުންފުނިން 1986 ވަނަ އަހަރުން ފެށިގެން ދިރާސާ ކުރަމުން އަންނަ މަޝްހޫރު އަސިމޯ ރޮބޮޓް އައު އަޕްގްރޭޑް ތަކަކާއެކު ދައްކާލައިފި އެވެ.

ބުދަ ދުވަހު ބެލްޖިއަމްގައި ދައްކާލައިފައިވާ އަސިމޯއަށް ގެނެސްފައިވާ ބަދަލުތައް އަމާޒުކޮށްފައިވަނީ ރޮބޮޓުގެ ވަށައިގެންވާ މާހައުލު އެއަށް ދެނެގަތުން އިތުރުކުރުމަށެވެ.

އެގޮތުން އެއްޗެއް ގަޔާ ދިމާލަށް އަންނަ ނަމަ އެ ދިމާލުން ދުރަށްޖެހެން އަސިމޯ އަށް އިނގެއެވެ. އަދި ގިނަބަޔަކު އެއްފަހަރާ ވާހަކަދައްކަމުން ދާނަމަ އެ މީހުންގެ އަޑުތައް ވަކިކޮށް، އެކި މީހުން ދައްކާ ވާހަކަ ދެނެގަތުމުގެ ގާބިލުކަންވެސް ފަހުގެ އަސިމޯއަށް ލިބިފައިވެއެވެ.

އަތުގެ ހަރަކާތްތައް ބޭނުންކޮށްގެން، ސައިން ލެންގުއެޖުން މުއާމަލާތު ކުރަންވެސް މިހާރު އަސިމޯ އަށް އެނގެއެވެ. އަދި އެއް އަތުން ކަރުދާސް ތައްޓެއް ހިފަހައްޓައިގެން ހުރެ، ބަންޑުންކޮށްނުލައި، އަނެއް އަތުއި ހުރި ތަރުމޯޒުން ތައްޓަށް ޖޫސް އެޅޭވަރަށް މި ރޮބޮޓުގެ ހަރަކާތްތައް ވަނީ އޮމާންކޮށްފައެވެ.

އެންމެ ފަހުންދައްކާލައިފައިވާ އަސިމޯއަށް ގަޑިއަކު ނުވަ ކިލޯމީޓަރު ބާރުމިނުގައި ދުވެވެއެވެ. އަދި ސިޑިން އަރާ ފޭބުމުގެ އިތުރުން އެއްފައި މަތީގައި ހުރެގެން ކޮރާވެސް ހެދެއެވެ. ނަމަވެސް އަސިމޯގެ ބެޓަރީ ހިފަހައްޓަނީ އެންމެ 40 މިނެޓެވެ.

އަސިމޯ ފުރަތަމަ ދައްކާލާފައި ވަނީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން އަސިމޯ ސިފަ ކުރެވިފައިވަނީ އިންސާނުންނާ ގާތްކުރާ “ހިއުމަނޮއިޑް” ރޮބޮޓެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތައް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމުގެ ގޮތުގައެވެ. އަސިމޯގެ ދިގު ނަމަކީ “އެޑްވާންސްޑް ސްޓެޕް އިން އިނޮވޭޓިވް މޮބިލިޓީ” އެވެ.

ކުރިއަށް އޮތްވިއްސަކަށް އަހަރު ތެރޭގައި އެކި ކަންކަމުގައި އިންސާނުންނަށް އެހީތެރިވުމަށް އަސިމޯ ހަރަކާތްތެރިވާނެ ކަމަށް ޓެކްނޮލޮޖީ މާހިރުން ދަނީ ބުނަމުންނެވެ. އުމުރުން ދުވަސް ވީ މީހުންނަށް އެހީތެރިވުމުގައްޔާއި، ގޭތެރޭގައި އަތްގާތް ކޮށްދިނުމުގެ އިތުރުން ކާރިސާތަކުގައި މީހުން ސަލާމަތް ކުރުމަށްވެސް އަސިމޯ ފަދަ ރޮބޮޓްތައް ހަރަކާތްތެރި ވާނެކަމަށް މާހިރުން ބުނެއެވެ.

މީގެ ތިން އަހަރު ކުރިން، 2011 ވަނަ އަހަރުގެ މާޗް މަހު ޖަޕާންގެ ފުކުޝިމާ ނިއުކްލިއަރ ޕަވަރ ޕްލާންޓް ގައި ހިނގި ނުރައްކާތެރި ހާދިސާގައި ރޭޑިއޭޝަންގެ އަސަރުކޮށްފައިވާ ތަންތަނަން ސާފުކުރުމުގެ މަސައްކަތުގައިވެސް އަސިމޯ ބައިވެރިކޮށްފައިވެއެވެ.

ނަމަވެސް އާއްމުނަށް ގަނެވޭ އަގެއްގައި އަސިމޯ ބާޒާރަށް ނެރެވިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ހޮންޑާއިން އަސިމޯ ވިއްކަން ފަށާފައިނުވާ އެއް ސަބަބަކީ މިއީ ކަމަށް ޓެކްނޮލަޖީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

“އިންސާނުންނާއި ރޮބޮޓްއާ ދެމެދު އުފެއްދިދާނެ ގުޅުމާއި ގުޅެގޮތުން ހޮންޑާއިން ކުރިއަށްގެންދާ ދިރާސާތަކަށް އަހަރެންވެސް ތާއީދުކުރަން. ނަމަވެސް ހަގީގަތަކީ ގެއެއްގައި އެހީތެރިވާ ރޮބޮޓެއްގެ ސިފައިގައި ނެރެން ބޭނުމިއްޔާ އަސިމޯގެ އަގު ވަރަށް ދަށްވާން ޖެހޭ،” ސިލިކޮން ވެލީ ރޮބޮޓިކްސް ގެ މެނޭޖިން ޑައިރެކްޓަރ އެންޑްރާ ކީ ބުންޏެވެ.
https://www.youtube.com/watch?v=0a0HnVqh1jU
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު