ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކަޅު މެޓީރިއަލް އިނގެރޭސި ވިލާތުގެ ރިސާޗް ކުންފުންޏެއް ކަމަށްވާ ސަރީ ނެނޯސިސްޓަމްސްގެ ސައިންސްވެރިން އުފައްދައިފިއެވެ.
އިންސާނެއްގެ އިސްތައްޓަކަށްވުރެ 10،000 ގުނަ ހިމަ ނެނޯ ފައިބަރ ތަކަކުން އުފައްދާފައިވާ “ވެންޓަބްލެކް”ނަމަކަށް ކިޔުނު މި މެޓީރިއަލް އިން 0.035 އިންސައްތަ އަލި އެބްޒޯބް ކުރެއެވެ.
ވެންޓަބްލެކް މެޓީރިއަލްގެ އަނދިރިކަމުން އެއީ “ބްލެކް ހޯލް އެއް ހަމަލޮލަށް ފެނުމާ އެންމެ ގާތްކުރާނެ ކަންތައް” ކަމަށް ލީޑްސް ޔުނިވަރސިޓީގެ ކަލަރ ސައިންސް ގެ ޕްރޮފެސަރ އެއްކަމަށްވާ ސްޓީވަން ވެސްޓްލޭންޑް ވަނީ ސިފަކޮށްފައެވެ.
ވެންޓަބްލެކް މެޓީރިއަލް އުފައްދާފައިވާ ނެނޯފައިބާރ ހުންނަނީ ކުދިކުދި ޓިއުބްތަކެއްގެ ސިފައިގައެވެ. މި މެޓީރިއަލް އަށް އެޅޭ އަލީގެ 99.96 އިންސައްތަ ނެނޯޓިއުބް ތަކުގެ ތެރެއަށް އެބްޒޯބްކުރެއެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ ބޮޑަށް އަލި އެބްޒޯބް ކުރާ މެޓީރިއަލް އެވެ.
ވެންޓަބެލްކް އަކީ އާދަޔާ ހިލާފަށް ވަރުގަދަ މެޓީރިއަލް އެކެވެ. ސްޓީލް އަށް ވުރެ މި މެޓީރިއަލް 10 ގުނަ ވަރުގަދައެވެ. އަދިކޮޕަރ އަށް ވުރެ 7.5 ގުނަ އިތުރަށް ހޫނު ކޮންޑަކްޓް ކުރެއެވެ.
ސަރީ ނެނޯސިސްޓަމްސް އިން ވަނީ އެލުމީނިއަމް ފޮއިލް އެއްގެ މައްޗަށް ވެންޓަބްލެކް މެޓީރިއަލް އުފައްދާފައެވެ. އެ ކުންފުނިން އާއްމުކޮށްފައިވާ ފޮޓޮއެއްގައި ފެންނަ ގޮތުން މި އެލުމީނިއަލް ފޮއިލް އޮންނަނީ ބަނޑިބަނޑިވެ، ރޫ ޖެހިފައެވެ. ނަމަވެސް އޭގެ މެދުގައި ހުންނަ ވެންޓަބްލެކް މެޓީރިއަލް ފެންނަނީ އާދަޔާހިލާފަށް އޮމާންކޮށެވެ. މިއީ ވެންޓަބްލެކް މެޓީރިއަލްއިން އަލި ރިފްލެކްޓް ކުރާ މިންވަރު ކުޑަކަމުން ކަމަށް ސަރީ ނެނޯސިސްޓަމްސް އިން ބުންޏެވެ.
http://www.sun.mv/albums/l_29540.jpg
ތަރިތަކުގެ ފޮޓޯ ނެގުމަށް ހާއްސަކޮށް އުފައްދާފައިވާ އެސްޓްރޮނޮމިކަލް ކެމެރާތަކައި، ޓެލެސްކޯޕްތަކައި އިންފްރާ ރެޑް ސްކޭނިން ސިސްޓަމް ތަކުތައި ވެންޓަބްލެކް ބޭނުންކުރަން ފަށައިފި ނަމަ މި ތަކެތީގެ ގާބިލުކަން އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ.
އަސްކަރީ ބޭނުން ތަކުގައިވެސް ވެންޓަބްލެކް މެޓީރިއަލް ބޭނުން ކުރެވޭނެ ކަމަށް ބުނާ އިރު، ސަރީ ނެނޯސިސްޓަމްސް އިން ބުނީ، އިކުއިޕްމަންޓް އުފައްދާ ބައެއް ކުންފުނިތަކަށް މި މެޓީރިއަލް ފޯރުކޮށްދޭން ފަށާފައިވީނަމަވެސް އަސްކަރީ ގޮތުން މި މެޓީރިއަލް ބޭނުންކުރެވިދާނެ ގޮތްތަކާމެދު އެއްޗެއް ބުނެވެން ނެތްކަމަށެވެ.
ހެދުން ފަދަ ތަކެތީގައި މި މެޓީރިއަލް ބޭނުން ކުރެވިދާނެ ކަމަށާއި، ނަމަވެސް ފެޝަން އިންޑަސްޓަޓްރީގައި އާއްމުކޮށް ބޭނުންކުރެވޭ ވަރަށް ވުރެ މި މެޓީރިއަލްގެ އަގު ބޮޑުވާނެކަމަށްވެސް ސަރީ ނެނޯސިސްޓަމްސް އިން ވަނީ ބުނެފައެވެ.
މި ހަފްތާގައި އިނގެރޭސިވިލާތުގެ ހެމްޝަޔަރގައި ކުރިއަށްދާ ފާރންބަރޯ އިންޓަނޭޝަނަލް އެއާޝޯގައި ވެންޓަބްލެކް މެޓީރިއަލް އާއްމުނަށް ދައްކާލުމަށް ސަރީ ނެނޯސިސްޓަމްސް އިން ވަނީ ރާވާފައެވެ.