މި ވެރިކަމުގައި ބަކީ އޮތް ފަސް އަހަރު ވެސް ދެން ވެރިކަން ކުރެވޭނީ ގާނޫނީ އިމުގެ ތެރޭކަން މަޖިލީހުގައި އެންމެ ފަހުން ނެގި ވޯޓުން އެނގިގެން ހިނގައްޖެ: އަލީ ވަހީދު

14:30


މި ވެރިކަމުގައި ބަކީ އޮތް ފަސް އަހަރު ވެސް ދެން ވެރިކަން ކުރެވޭނީ ގާނޫނީ އިމުގެ ތެރޭންކަން ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ނެގި ވޯޓުން އެނގިގެން ހިނގައްޖެ ކަމަށް ޑީއަރުޕީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޫނު ބަހުސްތަކަކަށް ފަހު އޮޑިޓަރ ޖެނެރަލްގެ މަގާމުން އިބްރާހިމް ނައީމް ވަކިކުރުމުގެ މައްސަލާގައި 43 ވޯޓު ލިބިގެން ފާސްވެގެންދިއުމާ ގުޅިގެން އެކަމުގެ އުފަލުގައި ހެދިގޮނޑު ދޮށުގައި ޑީއާރުޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ޑީއާރުޕީއޭ ކޯލިޝަނާއި އަދި އިދިކޮޅު އެހެން ޕާޓީ ތަކުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންގެ ވޯޓުން ކާމިޔާބުވި އޮޑިޓަރ ޖެނެރަލް މަގާމުން ވަކިކުރުމުގެ މައްސަލައިން އެނގިގެން ދިޔައީ ދެން ގަދަބާރުން ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ކަމަށެވެ.


ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ބޭނުން ކުރަމުންދާއިރު، އެކަމަށް ބައެއް ފަރާތްތަކުން ހުރަސް އަޅަމުންދާތީ އެސަރަހައްދުގައި ދިރިއުޅޭ އާންމުންނަށާއި އަމަން ބަލަހައްޓަމުން ގެންދާ ފުލުހުންނަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަމާ ދޭތެރޭ ހިތާމަކުރައްވާ ކަމަށާއި އެކަން އެހެންނުވާނެ ގޮތަކަށް ސަރުކާރުން ކަންތައްތައް އިންތިޒާމު ކޮށްދެއްވުމަށް ވެސް ތަސްމީން އެދިވަޑައިގެންނެވި އެވެ. ތަސްމީން އަދި ވިދާޅުވީ ހަމައާ އުސޫލުން ބޭރުން، ގޮށްމުށުގެ ބާރުން ކަންތައްތައް ތަންފީޒު ކުރަން ފެށުމުން، ގާނޫނީ ވާޖިބު އަދާކުރަންޖެހޭތީ އެފަދަ ކަންތައްތައް ކުރަން ޖެހެނީ ކަމަށެވެ.


ރޭގެ އެޖަލްސާގައި ވާހަކަދައްކަވަމުން ލޭބަރ ޕާޓީގެ ރައީސް އަހްމަދު ސަލީމް ވިދާޅުވީ ޤާނޫނީ ހަމަތަކުގެ މަތިން، ޤާނޫނީ އިމުގެ ތެރެއިން މިސަރުކާރުގެ ވެރިކަން ވައްޓާލުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ޑީއާރުޕީއޭގެ ކޯލިޝަނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު