ބްރެއިންވޭވް ބޭނުން ކޮށްގެން ފޮޓޯ ނެގޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ވޮއިސް ކޮމާންޑް ބޭނުން ނުކޮށް، ހަމަ އެކަނި ހިތަށް އަރުވާލައިގެން ނުވަތަ ކޮންސެންޓްރޭޓް ކޮށްގެން ފޮޓޯ ނެގޭ އެޕްލިކޭޝަންއެއް ގޫގުލް ގްލާސް އަށް ތައާރަފްކޮށްފިއެވެ.

“މައިންޑް އާރު ޑީ އާރު”، ނުވަތަ އާއްމުކޮށް ކިޔާ ގޮތަށް ނަމަ “މައިންޑްރީޑަރ”ގެ ނަން ދެވިފައިވާ މި އެޕްލިކޭޝަން އުފައްދާފައި ވަނީ އިނގެރޭސި ވިލާތުގެ ލަންޑަންގައި ގާއިމުވެފައިވާ ދިސް ޕްލޭސް ކިޔާ ކުންފުންޏަކުންނެވެ.

ގޫގުލް ގްލާސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނިކަމަށްވާ ގޫގުލް އިން އުފައްދާފައިވާ އައިނެކެވެ. މި އައިނުގައި ކުޑަ ސްކްރީން އަކާއި ކޮމްޕިއުޓަރ ޗިޕެއް ހުރެއެވެ. އަދި ސްމާޓްފޯނުން ކުރެވޭ ބައެއް ކަންކަން، ފޯނުގައި އަތް ނުލައި ވޮއިސް ކޮމާންޑް ބޭނުންކޮށްގެން ގޫގުލް ގްލާސް މެދުވެރިކޮށް ކުރެވެއެވެ.

މައިންޑްރީޑަރ އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި ގޫގުލް ގްލާސް އާއި އެކު ބްރެއިން ވޭވްސް ދެނެގަންނަ ހެޑްސެޓްއެއް ބޭނުންކުރަން ޖެހެއެވެ. މި ހެޑްސެޓްއަށް ކިޔަނީ “ނިއުރޯސްކައި އީއީޖީ ބަޔޯސެންސަރ” އެވެ.

މައިނޑްރީޑަރ އެޕްލިކޭޝަން ބޭނުންކުރެވެނީ މި އީއީޖީ ޑިވައިސް ގޫގުލް ގްލާސްއާ ގުޅާލައިގެންނެވެ. ސިކުނޑިން ދޫކުރާ ވޭވްތައް ބޮލުގައި އަޅާފައި ހުންނަ މި އީއީޖީ ޑިވައިސް އިން ދެނެގަނެއެވެ.

ގޫގުލް ގްލާސް އިން ފޮޓޮއެއް ނަގަން ބޭނުންނަމަ ފޮޓޯ ނަގަން ބޭނުންވާ ދިމާލަށް ބަލައި، ގޫގުލް ގްލާސް ފޯކަސް ކުރުމަށްފަހު، ފޮޓޯ ނަގަން ހިތަށް އަރުވައި އެ ކަމާ މެދު ވިސްނަން ފެށުމުން މައިނޑް ރީޑަރ އެޕްލިކޭޝަންއިން ފޮޓޯ ނަގާނެއެވެ.

މައިންޑްރީޑަރ އެޕްލިކޭޝަން ބޭނުންކޮށްގެން ކުރެވިދާނެ ކަންކަން ގިނަ ކަމަށާއި، ނުކުޅެދުންދެތެރި ކަމުގެ ސަބަބުން ވާހަކަދެއްކުމާއި ހަރަކާތްތެރިވުމުން މަހުރޫމުވެފައިވާ މީހުންނަށް ބޭނުންތެރި އެއްޗަކަށް މި އެޕްލިކޭޝަން ހެދިދާނެ ކަމަށް ދިސް ޕްލޭސް ކުންފުނީގެ ކްރިއޭޓިވް ޑައިރެކްޓަރ ކްލޯއީ ކިއަރޓަން ބުންޏެވެ.

“ލޮކްޑް-އިން ސިންޑްރޯމް ނުވަތަ ސިވިއަރ މަލްޓިޕަލް ސްކްލެރޯސިސް ނުވަތަ ކުއަޑްރިޕްލީޖިއާ ފަދަ ބަލިތައް ހުންނަ މީހުންނަށް ދުނިޔޭއާ މުއާމަލާތް ކުރުމުގެ ފުރުސަތު، ގައިގައި ހަރުކޮށްލެވޭ ޓެކްނޮލަޖީއެއް މެދުވެރިކޮށް، މައިންޓްރީޑަރ އިން ފޯރުކޮށްދެވިދާނެ،” ކްލޯއީ ކިއަރޓަން ބުންޏެވެ.

މި އެޕްލިކޭޝަން އިތުރަށް ކުރިއަރުވައިފިނަމަ މީހުން ހިތަށް އަރުވާ ކަންކަން ދެނެގަންނެ ރެކޯޑް ކުރެވޭ އެއްޗަކަށް ގޫގުލް ގްލާސް ވެދާނެކަމަށް ގޫގުލް އިން ވަނީ އިޝާރާތްކޮށްފައެވެ. އަދި މައިންޑްރީޑަރ އެޕްލިކޭޝަން ބޭނުން ކުރުމަށްޓަކައި ގޫގުލް ގްލާސްއާއެކު އީއީޖީ ހެޑްސެޓްއެއް ބޭނުން ކުރަން ޖެހޭތީ މައިންޑްރީޑަރ އެޕްލިކޭޝަންއަށް އެއްބާރުލުން ނުދޭނެކަމަށް ގޫގުލް އިން ވަނީ ބުނެފައެވެ.

އެމެރިކާ އާއި އިނގެރޭސިވިލާގު ގައި ގޫގުލް ގްލާސް ވިއްކަން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައިއެވެ. މިއިން އައިނެއްގެ އަގަކީ 1500 އެމެރިކާ ޑޮލަރު (23100 ދިވެހި ރުފިޔާ) އެވެ. ކުރިއަށް އޮތްތާންގައި ގޫގުލް ގްލާސް ވިއްކާ އަގު ދަށްވާނެކަމަށް ގިނަ ބަޔަކު ދަނީ އުއްމީދު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު