ޖޫން މަހު ތެލަށް ވުރެ ގިނައިން ހަރަދުވީ ކޯބާތަކެތި އިމްޕޯޓް ކުރުމަށް

ރޯދަ މަހާ ދިމާކޮށް މިދިޔަ ޖޫން މަހު ތެޔޮ އިމްޕޯޓް ކުރުމަށް ހޭދަވި ފައިސާއަށް ވުރެ ހަތް މިލިއަން ރުފިޔާ އިތުރަށް ކާބޯތަކެތި އިމްޕޯޓް ކުރުމަށް ރާއްޖެއިން ހަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިމްޕޯޓް 17 ޕަސެންޓް އިތުރުވެފައިވާއިރު މިއަހަރު އެންމެ ގިނަ ފައިސާ ހަރަދުވެފައި ވަނީ ތެލަށް ކަމަށެވެ. ނަމަވެސް މިދިޔަ ޖޫން މަހު ތެލަށް ވުރެ ގިނަ ފައިސާ ވަނީ ކާބޯތަކެއްޗަށް ހަރަދުކޮށްފަ އެވެ. ކާބޯތަކެތި އިމްޕޯޓް ކުރުމަށް 547 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ތެލަށް ހޭދަކޮށްފައި ވަނީ 540 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވަނީ ތިން ވަނަ އަށް އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް އެތެރެކުރުމަށް ކަމަށެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކަށް މުދާ އެކްސްޕޯޓް ކުރި މިންވަރު ހަތް ޕަސެންޓް އިތުރުވެފައިވާއިރު އިމްޕޯޓް ކުރި މުދަލުވެ މިންވަރު 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސްކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ޖޫން މަހު ރާއްޖެއިން 183 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓް ކޮށްފައި ވަނީ 171 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ.

އެކްސްޕޯޓް ކުރި މިންވަރު އިތުރުވި ނަމަވެސް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ބާވަތް ކަމުގައިވާ ފިނި ކުރި ކަޅުބިލަމަސް މި މުއްދަތުގައި އެކްސްޕޯޓް ކުރި މިންވަރު 52 ޕަސެންޓު ވަނީ ދަށްވެފައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު