ރޮޓިމެޓިކް: ދުނިޔޭގެ ފުރަތަމަ ރޮށިފިހާ ރޮބޮޓް

ގޭގޭގައި އާއްމުންނަށް ބޭނުންކުރެވޭ ސައިޒުގެ ރޮށިފިހާ ރޮބޮޓެއް ފުރަތަމަ ފަހަރަށް އުފައްދައި، ބާޒާރަށް ނެރެން ތައްޔާރުވަމުން އެބަ ދެއެވެ.

‘ރޮޓިމެޓިކް’ ނަމަކަށް ކިޔުނު މި ރޮބޮޓް އުފައްދާފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ މައުންޓަންވިއުގައި ގާއިމުވެފައިވަ ޒިމްޕްލިސްޓިކް ކިޔުޔާ ކުންފުންޏަކުންނެވެ.

މިނެޓަކު ރޮއްޓެއް ފިހެދޭ މި މެޝިނު ހުންނަނީ ފަރާތެއްގައި 40 ސެންޓިމީޓަރު ހުންނަ ޕްލާސްޓިކް ފޮއްޓެއްގެ ސިފައިގައެވެ. މި މެޝިނުގައި 10 މޯޓަރާއި 15 ސެންސަރުގެ އިތުރުން 300 ބައި އެކުލެވިގެންވެއެވެ.

މަތިޖަހާލެވޭ ޕްލާސްޓިކް ކޮންޓެއިނަރު ތަކެއްހެން ތިން ބައެއް މެޝިނުގެ މަތީގައި ހުރެއެވެ. ރޮށި ފިހަން ބޭނުންވާ ތަކެތި މެޝިނުގެ ތެރެއަށް ދުއްވާލުމަށްޓަކައި ފުލުގައި ލޯވަޅުތަކެއް ކަނޑާފައިވާ މި ބައިތައް ހުންނަނީ މެޝިނުން ވަކިކޮށްލައި، ނަގައި ސާފުކުރެވޭ ގޮތަށެވެ.

މީގެން އެންމެ ބޮޑު ކޮންޓޭނަރަށް އަޅަނީ ފުށެވެ. ބޭކް ކުރުމަށް ބޭނުންކުރާ ކޮންމެ ޒާތެއްގެ ހިކި ޕައުޑަރެއްވެސް މިތަނަށް އެޅިދާނެއެވެ. މެދުމިނުގެ ސައިޒަށް ހުންނަ ކޮންޓޭނަރަށް އަޅަނީ ފެނެވެ. ފެން އަޅާ ބަޔަށް ލޮނު، ނުވަތަ ހަކުރު ފަދަ އެއްޗެއް އެއްކުރެވިދާނެއެވެ. ޝަރުތަކީ އެ ތަކެތި ހުންނަން ޖެހޭނީ ފެނަށް ގިރިފައެވެ. އެންމެ ކުޑަ ބަޔަށް އަޅަނީ ތެލެވެ.

އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ނޫހެއްކަމަށްވާ މޭޝަބަލް އިން ވަނީ ރޮޓިމެޓިކް މެޝިނެއް ޓެސްޓްކޮށްފައެވެ. މޭޝަބަލް އިން ބުނިގޮތުގައި ރޮޓިމެޓިކްއަކީ ބޭނުންކުރަން ފަސޭހަ މެޝިނެކެވެ. އަދި އިޝްތިހާރު ތަކުގައި ވާ ފަދައިން، ގިނަދުވަސްތަކެއް ވަންދެން ރޮށިފިހުމުގެ ތަޖުރިބާ ހުރި މީހަކު ފިހެލާހެން ރޮޓިމެޓިކް އިން ރޮށި ފިހެލަދޭނެއެވެ.

ގޭގޭގައި އާއްމުކޮށް ހުންނަ ކަރަންޓް ސޮކެޓަށް ރޮޓިމެޓިކް ގުޅާލެވޭނެއެވެ. ރޮށިފިހުމަށް ބޭނުންވާ ތަކެތި ކޮންޓެއިނަރުތަކުގެ ތެރެއަށް އެޅުމަށްފަހު މެޝިނު ޖައްސާލުމުން އޭތި ހޫނުވާން ފަށައެވެ. އަދި މެޝިނުގައި ހުންނަ އެލްސީޑީ ސްކްރީނަކުން ރޮށި ފިހަން ބޭނުންވާ ބޯމިނާއި ރޮށީގައި ހުންނަންވީ ހަރުމިން (ކްރިސްޕްނަސް)، އަދި ރޮށީގައި ތެޔޮ ހުންނަން ބޭނުންވާ ވަރު ކަނޑައެޅުމަށްފަހު ސްޓާޓް ބަޓަން އަށް އޮބާލަންވީއެވެ. މެޝިނު 500 ޑިގްރީ ފެރަންހައިޓް އަށް ހޫނުވުމަށްޓަކައި 5 ވަރަކަށް މިނެޓް ނަގާނެއެވެ.

ސްޓާޓް ބަޓަން އަށް އޮބާލުމުން ކޮންމެ ރޮއްޓަކަށް ބޭނުންވާ ވަރުގެ ފުއްގަނޑެއް މެޝިނުން މޮޑޭނޭއެވެ. ފުށާއި ފެން އަދި ތެޔޮ އެއްކުރުމަށްފަހު ފުއްގަނޑު މޮޑެވޭނީ އެތެރެ ފެންނަ ގޮތަށް ހުނަން ދިމާލެއްގައެވެ.

ރޮށީގެ މީރުކަން ބިނާވަނީ ފުއްގަނޑު މޮޑެވޭ ގޮތުގެމައްޗަށެވެ. ރޮޓިމެޓިކްގެ މޭސްތެރިއެއްކަމަށްވާ ޕްރަނޯތީ ނަގަރުކަރ ބުނިގޮތުގައި ރޮޓިމެޓިކްއިން ފުއް ގުޅަތައް މޮޑުމުގައި ބޭނުންކުރަނީ ހާއްސަކޮށް ޕޭޓަންޓްކޮށްފައިވާ ޓެކްނޮލަޖީއެކެވެ. އެންމެ ހެޔޮވަރު ވަރަށް ފުއްގަނޑު މޮޑެވެނީ މި ޓެކްނޮލަޖީގެ ސަބަބުން ކަމަށް ނަގަރުކަރ ބުންޏެވެ. އަދި ރޮށިފިހާ އެހެނިހެން މެޝިންތަކާ ހިލާފަށް ގޭގޭގައި ބޭނުންކުރެވޭ ސައިޒަކަށް ރޮޓިމެޓިކް މެޝިން އުފެއްދުމުގެ ސިއްރަކީ، ބޮޑު ފުއްގަނޑެއް މޮޑުމަށްފަހު އޭގެން ކުދިކުދި ގުޅަތައް ހެދުމުގެ ބަދަލުގައި ފުރަތަމައިނުންވެސް ކުދި ގުޅަތައް ހެދޭގޮތް ވުމެވެ.

ފުއްގުޅަ މޮޑެވުމަށްފަހު ދެން ވަންނާނީ ރޮށި ދަމާ ތަނަށެވެ. ބޯމިނުގައި 1.5 މިލިމީޓަރު ހުންނަ ރޮއްޓަކަށް ފުއްގުޅަ ދަމާލާނެއެވެ. ރޮށީގެ ބޯމިން ކަނޑައަޅައި ޔަގީންކުރާނީ ރޮށި ދަމާތަނުގައި ހަރުކުރެވިފައި ހުންނަ ސެންސަރ ތަކަކުންނެވެ.

އެއަށް ފަހު ރޮށި ފިހުމަށްޓަކައި ހޫނުކޮށްފައި ހުންނަ އެލެމެޓްތަކެއްގެ ތެރެއަށް ރޮށި ވަންނާނެއެވެ. އަދި ފިހެވުނުހާ އަވަހަށް ރޮށި ނުކުންނާނީ ކެވޭގޮތަށް، ތައްޔާރުވެގެންނެވެ.

ރޮޓީމެޓިކް މެޝިނެއްގެ އަގަކީ 599 އެމެރިކާ ޑޮލަރު (9230 ރުފިޔާ) އެވެ. ނަމަވެސް މި ރޮޓިމެޓިކް މެޝިނަށް އޮތް ޑިމާންޑް ބޮޑުކަމުން ފުރަތަމައިނުން ޕްރީ އޯޑަރަށް ހުޅުވާލި އަދަދު ހަމަވެ، މިހާރު ވަނީ ވިކި ހުސްވެފައެވެ. އަދިއާއްމުންނާ ހިސާބަށް މި މެޝިނު ފޯރާނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ޒިމްޕްލިސްޓިކް ކުންފުނިން ވަނީ ބުނެފައެވެ.

https://www.youtube.com/watch?v=EsfccHgWDb0
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު