މަސްތުވާތަކެތި ޓެސްޓު ކުރާ މެޝިން މިހާރު މަސައްކަތް ކުރާނެ: ފުލުހުން

މަސްތުވާތަކެތި ތަހުލީލު ކުރުމަށް ފުލުހުން ބޭނުން ކުރާ މެޝިން މިހާރު ބަރާބަރަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.

ފުލުހުން ބޭނުން ކުރާ މަސްތުވާތަކެތި ޓެސްޓު ކުރާ މެޝިން މަސައްކަތް ނުކުރާކަން ހާމަވެފައި ވަނީ މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ ބާވަތެއްގެ ތަކެއްޗާ އެކު ހައްޔަރު ކުރި މީހަކު ބަންދުން ދޫކޮށްލަން ޖެހުމުންނެވެ. އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ތަހުލީލު ރިޕޯޓް ނުލިބިގެންނެވެ.

ގދ. ގައްދޫ، ފިޔާތޮށީގޭ، އަހުމަދު ހަސަންގެ މުއްދަތުގެ ޝަރީއަތުގައި ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތި ތަހުލީލު ކުރާ މެޝިނަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ހައްލުވާނެ ދުވަހެއް ނޭންގޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަސްތުވާތަކެތި ތަހުލީލު ކުރާ މެޝިން މިހާރު މަސައްކަތް ކުރާނެ ކަމަށާއި މެޝިނުން ތަހުލީލުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"މިހާރު މެޝިން ބަރާބަރަށް މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ތަހުލީލު ކުރުމަށް ފުލުހުން ބޭނުން ކުރާ މެޝިނަކަށް މީގެ ކުރިން ވެސް މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު