ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުން އެ ގައުމުގެ ހުޅަނގު އުތުރުގައި އޮންނަ ޝިންޖިއޭންގ ސަރަހައްދުގައި ދިރިއުޅޭ މުސްލިމު ކިޔަވާ ކުދިންނާއި ސިވިލް ސަރވަންޓުންނަށް ރޯދަ ހިފުން މަނާކޮށް ބަޔާނެއް އާއްމުކޮށްފިއެވެ.
މި ބަޔާނުގައި ވާ ގޮތުން މިއީ ސްކޫލް ތަކުގައްޔާ ސަރުކާރު އޮފީސްތަކުގައި އިސްލާމް ދީން ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. މުސްލިމު މެޖޯރިޓީ އެއް އޮންނަ ޝިންޖިއޭންގ އަކީ ޗައިނާގެ އެންމެ ބޮޑު އެޑްމިނިސްޓްރޭޓިވް ޑިވިޝަން އެވެ.
“ދީނީ ހަރަކާތްތަކުގައި ޝާމިލުވެ، ކުދިންގެ ބޮލަށް ދީނީ ހިޔާލުތައް ވައްދާ، އޮޅުވާލައިގެން ދީނީ ހަރާތްތަކުގެ ތެރެއަށް ކުދިން ޝާމިލުކުރުވުމުކީ ޓީޗަރުންނަށް މަނާކަމެއް،” ޝިންޖިއޭންގ ގެ ޕްރައިމަރީ ސްކޫލެއްގެ ވެބަސައިޓްގައިވާ ބަޔާނެއްގައި ވެއެވެ.
ދާދި ފަހުން ޝިންޖިއޭންގ ގައި ދީފައިވާ ޓެރަރިސްޓް ހަމަލާ ތަކެއްގެ ސަބަބުން ޗައިނާ ސަރުކާރުން އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި މިއީ ޝިންޖިއޭންގ ސަރަހައްދަށް ނިސްބަތްވާ މުސްލިމު ޖަމާއަތަކުން ބޭރުގެ ބަޔަކާ ގުޅިގެން ދީފައިވާ ހަމަލާތަކެކެވެ.
ފަހަކަށް އައިސް ޝިންޖިއޭންގ ގައި ޓެރަރިސްޓް ހަމަލާތައް ވަނީ ގިނަވާން ފަށާފައެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި މި ހަމަލާތައް ދެނީ ޝިންޖިއޭންގ ގައި ގާއިމު ވެފައިވާ ހަރުކަށި މުސްލިމު ޖަމާއަތުން ނެވެ. އަދި މި މީހުން ބޭނުންވަނީ ވަކިވެގަނެ، މިނިވަން ދައުލަތެއް ގާއިމުކުރަން ކަމަށްވެސް ޗައިނާ ސަރުކާރުން ދަނީ ބުނަމުންނެވެ.
ޝިންޖިއޭންގ ހިސާބުގަނޑުގައި ދިރިއުޅޭ މުސްލިމުންނަށް އެމީހުންގެ ދަރީން މިސްކިތަށް ގެންދިއުންވެސް ވަނީ ސަރުކާރުން މަނާކޮށްފައި ވާ ކަމަށް ޝިންޖިއޭންގ ސަރަހައްދުގައި އުޅޭ އުޔީގުރު ނަސްލަށް ނިސްބަތްވާ ގުރޫޕަކުން ބުންޏެވެ. އަދި ޗައިނާ ސަރުކާރުން މުސްލިމުންނާ މެދު ގެންގުޅޭ ބޮޑެތި ތަފާތުކުރުންތަކުގެ ސަބަބުން އެ ހިސާބުގަނޑުގައި ދިރިއުޅޭ ހާން ދަރިކޮޅުގެ މީހުންނާ މުސްލިމުންނާ ޖެހި، ހިތްހަމަނުޖެހުންތައް ދިގުލާމުންދާކަމަށް އެ މީހުން ބުންޏެވެ.
މިދިޔަ މެއި މަހު 22 ވަނަ ދުވަހު ޝިންޖިއޭންގ ސަރަހައްދުގެ ވެރިރަށް އުރުމްގީ ގެ ތަރުކާރީވިއްކާ ބާޒާރަކަށް ހަތަރު މީހަކުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 43 މީހުން ވަނީ މަރުވެފައެވެ. އަދި އޭގެ މަސްދުވަސް ފަހުން 22 ޖޫންގައި، ކަޝްގަރު ކިޔާ ސަރަހައްދެއްގައި ހުރި ފުލުސް އޮފީހަކަށް ގައިގައި ބޮން ހަރުކޮށްގެން ވަންނަން އުޅުނު 13 މީހުން ފުލުހުން މަރާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން އުރުމްގީގެ ދެ ރޭލު ސްޓޭޝަން އަކަށް ވަނީ ހަމަލާ ދީފައެވެ. ޗައިނާ ސަރުކާރުން މި ހުރިހާ ހަމަލާތަކެއްގެ ތުހުމަތު އަޅުވަނީ ހަރުކަށި މުސްލިމު ޖަމާއަތްތަކުގެ ބޮލުގައެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަންގާރަ ދުވަހު ޝިންޖިއޭންގ ގެ ބައެއް ހިސާބުތަކުގައި ޖާފަތްތަކެއް ވަނީ ބައްވާފައެވެ. އަދި ޝިންޖިއޭންގެ ސިވިލް ސަރވަންޓުން ތިބީ ރޯދައަށްތޯ ބެލުމަށްޓަކައި، މި ޖާފަތްތަކުގައި އެމީހުން ބައިވެރިވެފައި ވޭތޯ ސަރުކާރުން ބަލާފައިވާކަމަށް ޖަރުމަނުގައި ގާއިމުވެފައިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕެއްކަމަށްވާ ވޯރލްޑް އުއިގުރު ކޮންގްރެސްގެ ސްޕޯސްކްސްޕާސަން ޑިލްޒަޓް ރަޒިޓް ބުންޏެވެ.
ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އަކީ ދީން ގަބޫލު ކުރާ ޖަމާއަތެއް ނޫނެވެ. އަދި ކޮމިއުނިސްޓް ޕާޓީ އިން ދެކޭ ގޮތުގައި ކިޔަވާދިނުމުގައި ދީނީ ކަންކަން ހިމަނައިގެން ވެސް ނުވާނެއެވެ. ނަމަވެސް ޗައިނާގައި ބުޑިސްޓް، ޑާއޯއިސްޓް އަދި ނަސޯރާދީނުގެ މިހުން ގިނަ ހާން ދަރިކޮޅުގެ މީހުންގެ މައްޗަށް މި ސިޔާސަތު ތަންފީޒުކުރަނީ ވަރަށްވެސް މަދުންނެވެ.