ހުރިހާ މުސްލިމުން އެއްދުވަހެއްގައި ރޯދަ ހިފަންފެށުމަކީ ކުރަން ޖެހޭ ކަމެއް: މައުމޫން

އިސްލާމީ އުންމަތުގެ އެންމެން އެއް ދުވަހެއްގައި ރޯދަ ހިފަންފެށުމަކީ މުހިއްމު ކަމެއް ކަމަށާއި އެއީ މިހާރު އިސްލާމީ އުންމަތުން ހައްލުކުރަން ޖެހޭ ބޮޑު މައްސަލައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި އަހަރު ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ފައުންޑޭޝަންގެ ޗެއާމަން ވިދާޅުވީ، އެންމެހާ މުސްލިމުން އެއް ދުވަހެއްގައި ރޯދަ ހިފަންފަށައި އީދުކުރުމަކީ މުސްލިމުންގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ކުރެވޭނެ މުހިއްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން އެކަމަކީ ދުނިޔޭގެ ކުރިމަތީގައި މުސްލިމުންގެ ގަދަރާއި ހައިބަތު އިތުރުކުރުމަށް ޓަކައި މިޒަމާނުގައި ވަރަށް ބޭނުންވެފައިވާ އަދި މިހާރު އިސްލާމީ އުންމަތުން ހައްލުކުރަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުސްލިމުންގެ އެއްބަޔަކަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ ނަމަ އިސްލާމީ އުންމަތުގެ އެންމެން ވެސް އެ ރޭ ރަމަޟާން މަސް ފެށުމަކީ ކުރަން ޖެހޭ ކަމެއް ކަމުގައި މުސްލިމުންގެ ގިނަ އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ތަރައްގީވެފައިވާ މި ޒަމާނުގައި އެކަމަކީ ކުރަން އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

ރޭތައް އިހްޔާ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން، ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ވެސް ވަނީ "ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ސުންނަތް ނަމާދު" މި މައުޟޫގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ، އެ ފައުންޑޭޝަނުން މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ދެވަނަ ޖަލްސާއެއް އަންނަ ހަފްތާގެ ބުދަ ދުވަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު